ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 129 މީހުން، އޭގެ ތެރެއިން 93 މީހުންނަކީ ދިވެހީން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު 129 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އަދި އޭގެ ތެރެއިން 93 މީހުންނަކީ ދިވެހީން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އިއްޔެ 18:00 ން މިއަދުގެ 18:00 އާ ހަމަޔަށް 129 މީހުން ޕޮޒިޓިވްވިކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި ދެން ހިމެނެނީ ބަންގްލަދޭޝްގެ 23 މީހުން، އިންޑިޔާގެ އަށް މީހުން، ސްރީ ލަންކާގެ ހަތަރު މީހުން އަދި އިންޑޮނޭޝިޔާގެ އެކަކެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ ދެ ކޭސް އަކީ އޮތޮޅު ތެރެއިން ފެނުނު ކޭސް އެވެ. ބާކީ ހުރި ކޭސްތައް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 4،293 އަށް އަރައިފައެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދަކީ 1،013 އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 92 އެވެ. ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1،490 މީހުންނެވެ.

އެޗްޕީއޭއިން މިރޭ ހާމަކުރި ތަފާސްހިސާބުތަކުން ދައްކުވައިދޭގޮތުގައި މިއަދު އިތުރު 27 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2،670 އަށް އަރައިފަ އެވެ.

ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 82،208 ސާމްޕަލް ނަގާފައިވާއިރު މީގެ ތެރޭގައި ތަކުރާރުކޮށް ނަގާފައިވާ ސާމްޕަލްވެސް ހިމެނެ އެވެ. ކޮވިޑް-19ގައި މިހާތަނަށް ރާއްޖެއިން ވަނީ 18 މީހަކު ނިޔާވެެފަ އެވެ. އެންމެ ފަހުން މި ބަލީގައި ނިޔާވި މީހާއަކީ އިއްޔެ ނިޔާވި 89 އަހަރުގެ ދިވެހި މީހާ އެވެ.

މާލޭގެ އިތުރުން ކޮވިޑް-19 ގެ ކޭސް މިވަގުތު ހުރި އެހެން ރަށްތަކަކީ:

  • ހ.އ. ކެލާ
  • ހ.އ. އިހަވަންދޫ
  • ބ. އޭދަފުށި
  • ބ. ހިތާދޫ
  • ބ. ތުޅާދޫ
  • ބ. ކަމަދޫ
  • ރ. އިނގުރައިދޫ
  • ޅ. ކުރެންދޫ
  • ޅ. ހިންނަވަރު
  • ކ. މާފުށި
  • ވ. ފުލިދޫ
  • ސޮނެވާ ޖާނީ ރިސޯޓު
  • ސީސައިޑް ފިނޮޅު

ކޮވިޑް-19ގެ ސަބަބުން މޮނިޓަރިންގް ހާލަތުގައި އޮތް ރަށްތަކަކީ ހ.އ. އަތޮޅުގެ އިހަވަންދޫ އަދި މާރަންދޫގެ އިތުރުން ހ.ދ، އަތޮޅުގެ ނޮޅިވަރަން، ފިނޭ އަދި މަކުނުދޫ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނިފައިވަނީ މާޗް ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން މާޗް 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސް އެއް ފެނުނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ. އެ ކޭސް އާ އެކު މާލެ ފުރަބަންދު ކުރެވުމަށްފަހު ކޭސްތައް މަދުވާން ފެށުމުން ސަރުކާރުން ވަނީ ޖޫން މަހުން ފެށިގެން ފުރަބަންދަށް ލުއިތަކެއް ދޭން ފަށައިފަ އެވެ.

ފުރަބަންދުގެ ލުއިތަކާއެކު މާލެ ސަރަހައްދުގައި އަނެއްކާވެސް ކޭސްތައް އިތުރުވާން ވަނީ ފަށައިފަ އެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 215 މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި 149 ދިވެހިން ހިމެނެ އެވެ.

comment ކޮމެންޓް