ހދ. މަކުނުދޫ، ފިނޭ އަދި ހއ. މާރަންދުއަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.
އެ ތިން ރަށަށްވެސް އަަރައި ފޭބުން މަނާކޮށް، ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން އެޗްޕީއޭއިން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަައިވަނީ ހއ. އިހަވަންދޫގެ ތަޚުތު ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެގޮތުން އެ ރަށްތަކަކީ ތަޚުތު ބޯޓު ޖައްސާފައިވާ ރަށްތައް ކަމަށް މައުލޫމާތު ލިބެއެވެ.
މަކުނުދު އާއި ފިނޭ އަދި މާރަންދޫގެ އިތުރުން ހދ. ނޮޅިވަރަމަށްވެސް އެ ބޯޓު ވަނީ ޖައްސާފައެވެ. އެއާ ގުޅިގެން ނޮޅިވަރަންވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
ތަޚްތު ބޯޓު ވަނީ މާލެއިން އިހަވަންދޫއާ ދޭތެރޭ ގިނަ ރަށްތަކަކަށް ޖައްސާފައެވެ.
އެ ބޯޓުގެ އިތުރުންވެސް އިހަވަންދޫގެ އިތުރު ބޯޓެއްގެ ފަޅުވެރިޔަކު ވަނީ ދާދި ފަހުން ޕޮޒިޓިވް ވެފައެވެ. ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ މާލެއިން ހއ. އިހަވަންދުއަށް ދަތުރުކުރި ބޯޓެއް ކަމަށްވާ "242"ގެ، ކޭޝިއަރެކެވެ.
އެބޯޓު ގިނަ ރަށްތަކަށް ޖައްސާފައެއް ނުވެއެވެ. އިހަވަންދުއަށް ދިޔުމުގެ ކުރީން އެ ބޯޓު ޖައްސާފައިވަނީ ހދ. ވައިކަރަދުއަށެވެ. އެހެންނަމަވެސް އެ ބޯޓަކީ ގިނަ މީހުން އުޅޭ ބޯޓަކަށް ވުމުން، އެ ކޭސް އާ ގުޅިގެން ކްލަސްޓާ ބޮޑުވުން އެކަށީގެންވެއެވެ.
އިހަވަންދުއިން މިހާތަނަށް ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށަށް ވެސް އަރައި ފޭބުން ވަނީ މަނާކޮށްފައެެވެ.