ކޮވިޑާއެކު ވެސް އެމްޓީސީސީ ހިންގަމުންދަނީ ފައިދާގައި: އާޒިމް

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑް19އާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާއެކު ވެސް އެމްޓީސީސީ ހިންގަމުންދަނީ ގެއްލުމެއް ނުވެ، ފައިދާގައި ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކޮވިޑާ ގުޅިގެން އެމްޓީސީސީގެ އޮޕަރޭޝަންތަކުގައި ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން މިއަހަރު އަމާޒު ހިފީ 150-200 މިލިއަންގެ ފައިދާއެއް ނެރެވޭތޯ ކަމަށާއި ދެ މަހު މަސައްކަތް ކުރުމަށްފަހު ކޮވިޑުގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުމުން އެކަން ބަދަލު ކުރަން ޖެހުނު ކަމަށެވެ.

"އަޅުގަނޑު ހަވާލުވެފައި ޓާގެޓު ކުރީ 150-200 މިލިއަނާ ދެމެދުގެ ޕްރޮފިޓެއް އެމްޓީސީސީން ނެރެން. ދެން ޓާގެޓު ތެރެއިން ކޮވިޑު އައުމުގެ ކުރިން ލިބުނީ ދެ މަސް. އެ ދެ މަހު އެމްޓީސީސީގެ ހަޔާތުގައި އެއް ކުއާޓަރުގެ އެންމެ ބޮޑު ޕްރޮފިޓެއް ނެރުނު ކުއާޓަރަށް އެ ކުއާޓަރު ހެދިން. އެހެން ނަމަވެސް ދެން އައީ ކޮވިޑު، ކޮވިޑު އައިސްގެން ލޮކްޑައުންގައި ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހުނީ. ދެން އަޅުގަނޑުމެން ޖެހުނު އެއާ ވިދިގެން ޕްލޭންތައް ބަދަލުކުރަން،" އާޒިމް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން މިސްރާބު ހިފީ އެއްވެސް މަހެއްގައި ގެއްލުން ނުވެ ކުންފުނި ހިންގޭނެ އިންތިޒާމުތައް ހަމަޖައްސަން. ކޮންމެ ގޮތެއް ވިޔަސް މުއްދަތެއް ނުލިބޭ، މުދާ ލިބުމުގައި ދަތިތަކެއް އެބަހުރި. އެ މިސްރާބަށް ހިފީމަ ދެވަނަ ކުއާޓަރު ނިންމާލެވުނީ އެއްވެސް މަހެއްގައި ގެއްލުމެއް ނުވެ، ގާތްގަނޑަކަށް 17.5 މިލިއަން ޕްރޮފިޓަކާ އެއްކޮށް. މިސްރާބު ހިފި ގޮތަށް ކުއާޓަރު ނިންމާލެވުނު،"

އާޒިމް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއެކު ވެސް އެކުންފުނީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 މަޝްރޫއެއް ހިންގަމުންދާ ކަމަށް ވިދާޅުވި އެވެ. މިދިޔަ ކުއާޓަރުގައި ވެސް 14 މަޝްރޫއު ފުރިހަމަކުރި ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކަނޑައަޅާފައިވާ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރިން މަޝްރޫއުތައް ނިންމަން ކަމަށެވެ.

އެހެން ނަމަވެސް ބޭރުން މުދާ ގެނައުމުގައި ދަތިތަކެއް ހުރުމުން މަޝްރޫއުތައް ނިންމަން އުނދަގޫތަކާ ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ. އަދި އިގްތިސާދަށް އައި ހީނަރުކަމާއެކު ބޭރު ފައިސާ ހޯދަން ވެސް ދަތިވާ ކަމަށާއި ނަމަވެސް މިކަމުގައި ސަރުކާރުގެ އެހީތެރިކަން ލިބޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކޮވިޑު ފެތުރެމުންދިޔަ ނަމަވެސް އެމްޓީސީސީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ އެންމެ ބޮޑު އެއް ސަބަބަކީ އެޗްޕީއޭގެ އިރުޝާދުތައް ދަސްކޮށްގެން، އެ އިރުޝާދުތަކަށް ބޯލަނބައިގެން މަސައްކަތްތައް ކުރިއަށްގެންދާތީ ކަމަށެވެ.

comment ކޮމެންޓް