ކޮވިޑަށް 156 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ

ޖޫން 16، 2020: ލަކްޒަރީ ފިހާރަ ކައިރީ މީހުން ވިޔަފާރި ކުރުމަށް ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭ 156 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ބަލިން ރަނގަޅުވީ ހަ މީހުން ކަމަށެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 20 މީހުންނާޢި އިންޑިއާގެ މީހެއްގެ އިތުރުން ސްރީލަންކާގެ މީހެކެވެ. އޭގެ ތެރޭ ހިމެނެނީ އަތޮޅުތެރެއިން ފެނުނު ދެ ކޭހަކާއި މާލެއިން ފެނުނު 154ކޭހެކެވެ.

މިވަގުތު 1،305 މީހަކަށް ދަނީ ބަލީގައި ފަރުވާދެމުންނެވެ. އޭގެ ތެރެއިން 72 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދައިރު، ދެ މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

މިވަގުތު މާލޭގެ އިތުރުން ބަލި ފެނިފައިވާ ރަށްރަށަކީ:

ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ.މާފުށި، ވ. ފުލިދޫ، ބ. ކަމަދޫ، ބ. ހިތާދޫ، ބ. ސީސައިޑްފިނޮޅު

މިހާތަނަށް ޖުމްލަ 3،949 މީހުންނަށް ބަލި ޖެހިފައިވާއިރު 2،613 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މަރުވެފައިވަނީ 16 މީހުންނެވެ.

comment ކޮމެންޓް