އަރަފާތުގެ ބިން (ޖުލައި 30): މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މަދުބަޔަކަށް ދިނުމަށް ސައުދީ ސަރުކާރުން ނިންމި ނިންމުމަކީ އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް އިސްލާމީ ޝަރީއަތުގައި އޮންނަ މަގްސަދު ވަރަށް ފުރިހަމައަށް ހާސިލްކޮށްދޭ ކަމެއްކަމަށް އަރަފާތުގެ ޚުތްބާ ބުނެފިއެވެ.
އަރަފާތުގެ ބިމުގައި ހުންނަ މަސްޖިދުއްނަމިރާގައި މިއަދު ދެއްވި އަރަފާތުގެ ޚުތްބާގައި ޚަތީބު ފަޟީލަތުއްޝައިޚްއަބްދުﷲ ބިން ސުލައިމާން އަލްމަންބަޢު ވިދާޅުވީ މާތްﷲ ގެ ނިއުމަތް ގުނައި އަދަދު ނުކުރެވޭއިރު އިންސާނުން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އެކަލާންގެ ބައެއް ބަލާތަކާއި މުސީބާތްތައްވެސް އިންސާނުންނާ ކުރިމަތިކުރައްވާކަމުގައެވެ.
ކޮވިޑް-19 ވައިރަސްގެ ވަބާއަށް ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވަމުން ޝައިޚް އަލްމަންބަޢު ވިދާޅުވީ ކޮންމެ މުސީބާތްތަކަކީ ކޯފާއެއްނޫންކަމަށާ ބައެއް މުސީބާތްތަކާއި ބަލާތައް ކުރިމަތި ކުރައްވަނީ ކެތްތެރިކަމާއި އެނޫންވެސް އެތަށް ކަމެއްގައި އިންސާނުން އިމްތިޙާނުކުރެއްވުމުގެ ގޮތުންކަމުގައެވެ.
މުސީބާތްތަކުގެ ސަބަބުން އިންސާނާ ހެޔޮމަގަށް ރުޖޫޢަވޭ
މުސީބާތްތަކުގެ ސަބަބުން މާތްﷲ ހަނދުމަވެ އާޚިރަތާއި މަރުގެ މަތިން ހަނދާންވެ އިންސާނާ ހެޔޮމަގަށް ރުޖޫޢަވާކަމަށާ މީގެއިތުރުން މުސީބާތާއެކު ކެތްތެރިކަންވެސް އިންސާނުންނަށް ދަސްވާކަން ޝައިޚް ފާހަގަ ކުރެއްވިއެވެ. މާތްވެގެންވާ ގުރުއާނުގެ އާޔަތްތަކުންނާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން މިސާލު ޖައްސަވަމުން ޝައިޚް ހައްޖުވެރިންނަށާއި މުސްލިމުންނަށް ގޮވާލެއްވީ އާފާތްތަކާއި މުސީބާތްތަކުން އިބްރަތް ލިބިގަނެ އުޅުމާއި ގުޅުންތައް އިސްލާޙުކޮށް އާޚިރަތަށް ތައްޔާރުވުމަށެވެ. އަދި ކޮންމެ ދަތިކަމަކަށްފަހު ފަސޭހަކަން މާތްﷲ ދެއްވާނެކަމާއި އިންސާނުންނަށް އޮތީ އިޙްސާންތެރިވެ ކެތްތެރިވުން ކަމަށް ޝައިޚް އަލްމަންބަޢު ވިދާޅުވިއެވެ.
ކަންނެތް ނުވުމަށާއި މަސައްކަތްކުރުމަށް އިލްތިމާސް ކުރެއްވި
ޝައިޚް ދެއްވި އަރަފާތުގެ ޚުތުބާގައި ދީނީ އަޅުކަން ކުރުމާއެކު ދިރިއުޅުމަށް މަސައްކަތް ކުރުމަށާއި ކަންނެތްވެ ގޭގައި ނުތިބުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ދަތިތައް ކުރިމަތިވާހިނދު ނިކަމެތިންނަށް އެހީތެރިވުމަށް ވަސިއްޔަތް ކުރެއްވިއެވެ. އަދި ކިތަންމެ ދަތިތަކެއް ދިމާވިނަމަވެސް ދައުލަތުގެ ފައިސާގައާއި އެނޫންވެސް ތިމާއަށް ހައްގު ނޫން ފައިސާއާއި މުދަލުގައި ނުޖެހުމަށް އިލްތިމާސް ކުރެއްވިއެވެ.
އިންސާނާ ފޮނުއްވީ ﷲ އަށް އަޅުކަން ކުރުމަށާއި ދުނިޔެ އާރާސްތު ކުރުމަށް
މާތް ﷲ އިންސާނުން ފޮނުއްވީ އަޅުކަން ކުރުމުގެ އިތުރުން ދުނިޔެ އާރާސްތުކޮށް ރިވެތި ދިރިއުޅުމެއް އުޅުމަށްކަމަށާ ހަލާލު ގޮތުގައި ފައިސާ ހޯދުމަށް ވިޔަފާރިއާއި އެނޫންވެސް އިސްލާމީ ޝަރީއަތް ހުއްދަކުރާ މަސައްކަތް ކުރުމުގައި ކަންނެތް ނުވުމަށާއި ރިބާއާ ގާތްނުވުމަށް ހައްޖުވެރިންނަށާއި މުސްލިމުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ތިމާވެފައިވާ ވައުދުތަކާއި ވެފައިވާ އެއްބަސްވުންތަކަށް އިޙްތިރާމް ކުރުމަށާއި އެއަށް އިޙްތިރާމް ނުކުރުމަކީ މާތްﷲ ގެ ނުރުހުން ލިބޭނެކަމެއްކަން ހަނދާން ކޮށްދެއްވިއެވެ.
މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށާއި އަންހެނުންގެ ހައްގުތައް އަދާކުރުން
އަރަފާތުގެ ޚުތްބާގައި ޝައިޚް އަލްމަންބަޢު އަލިއަޅުވާލެއްވި އެހެން ކަންތައްތަކުގެ ތެރޭގައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމާއި އަންހެނުންނާއި ފިރިހެނުންވެސް އެކަކު އަނެކެއްގެ ހައްގުތަކަށް އިހްތިރާމް ކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ގޮވާލެއްވިއެވެ. މީގެއިތުރުން އަންހެނުންނަށް ހެޔޮކޮށް ހިތުމަށާއި އެކަނބަލުން އެކަހެރި ނުކުރުމަށާއި އާއިލާތައް ބަދަހިކޮށްގެންނޫނީ ފުރިހަމަ އިސްލާމީ މުޖްތަމައެއް ބިނާނުކުރެވޭނެކަން ހަނދާން ކޮށްދެއްވިއެވެ.
މުސްލިމުން ތަޅާފޮޅާނަމަ ސުލްޙަ ކުރުވަންޖެހޭ
އިސްލާމީ ގައުމުތަކުގައި ހިނގާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވަމުން ޝައިޚް ވިދާޅުވީ ހުރިހާ މުއުމިނުންނަކީ އަޚުންކަމަށާ މުއުމިނުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރާނަމަ ދެންތިބިބަޔަކަށް އޮތީ އެދެފަރާތް ސުލްހަކޮށް ހަނގުރާމަ ހުއްޓުވުންކަމުގައެވެ. ސިއްޙަތުގެ މައްޗަށް އަލި އަޅުވާލައްވަމުން އިސްލާމް ދީނުގައި ސާފުތާހިރު ކަމަށް ދެއްވާފައިވާ އަހައްމިއްޔަތު ޝައިޚް ހަނދާންކޮށްދެއްވިއެވެ.
އިންސާނުންގެ ފުރާނައަށް އިސްކަން ދިނުން
އަދި ވާބާތައް ފެތުރޭއިރު އެންމެ ބޮޑުއިސްކަމެއް ދޭންޖެހޭނީ އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށާ އިސްލާމީ ޝަރީއަތުގެ މަގްސަދަކީ އިންސާނުންގެ ސިއްހަތާއި އެމީހުންގެ ފުރާނަ ރައްކާތެރި ކުރެވޭނެގޮތެއްގެ މަތިން އަޅުކަމުގެ ކަންކަންކުރިޔަށް ގެންދިޔުން ކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ބަލިތަކާއި ރޯގާތަކުން ސަލާމަތް ވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ޖަމާއީ ގޮތުން ސަރުކާރުތަކުން ކުރަންޖެހޭ ކަމަކަށްވާއިރު ފަރުދީގޮތުން އެކަމަށް ބޯލަނބައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމް ކަމެއްކަމަށް އަރަފާތުގެ ޚުތުބާގައި ޝައިޚް ވިދާޅުވިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގައި ބައިވެރިވަނީ ގާތްގަނޑަކަށް ދިހަ ވަރަކަށް ހާސް މީހުންނެވެ. އެއީ ހައްޖުވެރިންގެ ތެރޭގައި ކޮވިޑް-19 ވަބާއާ ފެތުރިދާނެކަމުގެ ބިރަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނީ ހައްޖުވެރިންގެ އަދަދު މަދުކޮށްގެންކަމަށްވާތީއެވެ. ކޮވިޑްގެ ބިރަށްޓަކައި އަރަފާތުގައި ހައްޖުވެރިން ތިބި މަސްޖިދުއްނަމިރާއާއި ހައްޖުވެރިން ގެންގުޅޭ ތަކެތިވެސްވަނީ ސްޓެރިލައިޒް ކޮށްފައެވެ. އަދި ހައްޖުވެރިން މިނާގައ ތިބޭ ފޭލިގެތައްވެސް ވަނީ ސްޓެރިލައިޒް ކޮށްފައެވެ.
ޖަމްއުކޮށް ގަސްރު (ޖަމްއު ތަގްދީމު) ކުރުން
އަރަފާތުގެ ޚުތުބާއަށްފަހު ހައްޖުވެރިން މެންދުރުނަމާދާއި އަސްރު ނަމާދު ކޮށްފައިވަނީ ޖަމްއުކޮށް ގަސްރު (ޖަމްއު ތަގްދީމު) ކޮށެވެ. އެއީ ކީރިތި ރަސޫލާ ވެސް ހައްޖަތުލްވަދާއުގައި އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ. ގާތްގަނޑަކަށް 110 ހާސް އަކަމީޓަރުގެ ބޮޑު ސަރަހައްދެއް އޮންނަ މަސްޖިދުއްނަމިރާގައި ހައްޖުވެރިން ތިބީވެސް އަދި އެމީހުން ނަމާދުކޮށްފައިވަނީ ކޮވިޑްގެ ސަބަބުން ގައިދުރުކޮށް ތިބެގެންނެވެ.
ކީރިތި ރަސޫލާއަށް އިގްތިދާވުން
އަރަފާތު ދުވަހު މަސްޖިދުއްނަމިރާގައި އަރަފާތު ޚުތުބާ ދެނީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ހައްޖަތުލް ވަދާއުގައި ދެއްވި ތާރީޚީ ޚުތުބާއަށް ތަބާވެ އެކަމަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. މުސްލިމުން ހައްޖުގެ އަޅުކަން ކުރަމުންގެންދަނީ ހައްޖަތުލްވަދާޢުގައި އެއްލައްކަ މުސްލިމުންނާއެކު އެކަލޭގެފާނު ހައްޖުކުރެއްވި ގޮތަށެވެ.
ހައްޖުވެރިން މުޒްްދަލިފާއަށް
ހައްޖު ދުވަހުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭންފެށުމުން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މި ރެއަކީ އަޟްޙާ ޢީދުވިލޭރެ އެވެ. މިރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގަ އެވެ. މުޒްދަލިފާއަކީ އަރަފާތާއި މިނާއާދެމެދު އޮންނަ ބިމެކެވެ. މުޒްދަލިފާއަށްގޮސް ހައްޖުވެރިން މަޣްރިބް ނަމާދާއި އިޝާނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢުކޮށް (ޖަމްއު ތައުޚީރު) ކޮށެވެ. އެއްބަންގި އާއި ދެ ގަމަތް ދޭ ގޮތަށެވެ. އެއީ ކީރިތި ރަސޫލާ އަމަލުކުރެއްވި ގޮތެވެ. އެކަލޭގެފާނު އެގޮތަށް މުޒްދަލިފާގައި ނަމާދު ކުރެއްވީ މުޒްދަލިފާގައި އެދުވަސްވަރު ބިނާކުރެއްވި މަޝްއަރުލްހަރާމް މިސްކިތުގައެވެ.
އަލްމަޝްއަރުލްހަރާމް
މުޒްދަލިފާއަކީ މައްކާގެ ހަރަމްފުޅާ 12 ކިލޯ މީޓަރު ދުރުގައިވާ ބިމެކެވެ. މުޒްދަލިފާގެ ބޮޑުމިނަކީ 12 އަކަ ކިލޯ މީޓަރެވެ. މަސްޖިދު މަޝްޢަރުލްހަރާމް ހުންނަނީ މުޒްދަލިފާގަ އެވެ. މަޝްއަރުލްހަރާމްއަކީ މުޒްދަލިފާގައި ކީރިތި ރަސޫލާ ރޭކުރެއްވި އިރު ނަމާދުކުރެއްވި މިސްކިތްކޮޅެވެ. މުޒްދަލިފާގައި ރޭކުރުމަށް ފަހު މުޒްދަލިފާއިން ހިލަ ހޮވައިގެން ހައްޖުވެރިން އާދީއްތަ ދުވަހު (އީދު ދުވަހު)ގެ ފަތިހު އަނެއްކާ ވެސް އަލުން އެނބުރި ދާނީ މިނާއަށެވެ. ހައްޖުވެރިން ހަދްޔު ކަތިލުމާއި ޖަމްރާތަކަށް ހިލަ އުކުމުގެ ކަންތައް ކުރާނީ މިނާގައި ތިބެގެންނެވެ. ހައްޖުގެ އަޅުކަން ނިމޭނީ ޖަމްރާތަކަށް ހިލަ އުކުމަށް ފަހު އަލުން މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސައުޔު ކުރުމުންނެވެ. މިނާއަކީ މައްކާގެ ހަރަމްފުޅުގެ އިރުން ފަސް ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ޖަމްރާތައް ހުންނަނީ މިނާގައެވެ.