ފުލުސް ލޯންޗު ރޯކޮށްލުމުން ދައުވާ ކުރީ ސަލްޓަން ޕާކް ބޮން ގޮއްވުމުގައި ހިމެނޭ ދެ މީހަކަށް

ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސް (ކ) ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމް (ވ)

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ގަސްދުގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފެނުނު ލިޔުންތަކަކާ ގުޅިގެން ދައުވާ ކުރީ ސަލްޓަން ޕާކް ބޮމުގެ މައްސަލައިގައި ދައުވާ ކުރި ދެ މީހުންނަށްކަން ހާމަވެއްޖެ އެވެ.

އެ މައްސަލައިގައި ދައުވާ ކުރީ ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސް އާއި ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އިނާސް ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކަކުން ޓެރެރިސްޓް ޖަމާއަތްތައްކަމަށްވާ އިސްލާމިކް ސްޓޭޓްއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާ ކަމަށެވެ. އަދި އަބްދުއްލަތީފް ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ފެނުނު ހާޑްޑިސްކަކުން ޖަބްހަތުއް ނުސްރާއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަވާ ލިޔުންތައް ފެނިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މޫސާ އިނާސް އަކީ ސަލްޓަން ޕާކް ބޮމުގެ މައްސަލައާ ގުޅިގެން 15 އަހަރަށް ޖަލަށްލި މީހެކެވެ. 2009 ވަނަ އަހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ތިން ފަހަރެއްގެ މަތިން އޭނާ ވަނީ ފިލައިގެން ފަތާފައި ހުޅުމާލެއަށް އަރަން މަސައްކަތްކޮށްފައެވެ. ނަމަވެސް، އޭނާ ހައްޔަރު ކުރީ އެވެ.

އިނާސް ވަނީ ސަލްޓަން ޕާކް މައްސަލައިގެ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފަ އެވެ. ފަހުން މައާފު ދިނުމަށް ފަހު އޭނާ ޖަލުން ދޫކޮށްލީ އެވެ.

އަބްދުއްލަތީފަކީ ސަލްޓަން ޕާކުގައި ބޮން ގޮއްވާލުމަށް ފަހު ރާއްޖެއިން ފިލި މީހެކެވެ. އެ މައްސަލައިގައި އަބްދުއްލަތީފް ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. އޭނާ ހައްޔަރު ކުރީ 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު އޭނާ ޕާކިސްޓާނުން ރާއްޖެ އައިސް އެއާޕޯޓުގައި ހުއްޓަ އެވެ.

މިހާރުވެސް އަބްދުއްލަތީފު ދަނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަަލައިގެ ތަހުގީގަށް އޭނާގެ ފޯނު ނުދީގެންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރީ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި 12 ޓޫރިސްޓަކު ޒަހަމްވި އެވެ. އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވެ އެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފަ އެވެ.

comment ކޮމެންޓް