ލެވަންޑޮސްކީ ފަހާލައި ލަނޑު ލިސްޓުގެ އެއްވަނަައަށް އިމޮބިލޭ

ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ --- ފޮޓޯ//ދަރަނާސްޕޯޓްސް

އިޓާލިއަން ލީގުގައި ރޭ ބްރެޝިއާ ކޮޅަށް ޖެހި ގޯލާ އެކު ޔޫރޮޕިއަން ގޯލްޑަން ބޫޓުގެ ރޭހުގެ އެއްވަނައަށް ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ ޖެހިލައިފި އެވެ.

ކޮވިޑްގެ މެދުކެނޑުމަކަށްފަހު ފްރާންސްގެ ލީގު ފިޔަވައި ޔޫރަޕުގެ ބޮޑެތި ހުރިހާ ލީގެއްގެ ކުޅުން ފެށި އިރު މިހާރު ނުނިމި އޮތް ހަމައެކަނި ލީގަކީ އިޓާލިއަން ލީގެވެ. އެހެން ލީގުތަކެއް ވުރެން ކުޑަ ދުވަސްކޮޅެއް ފަހުން އެ ލީގު ފެށި އިރު މިހާރު ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

ލީގުގެ ޗެމްޕިއަން ކަށަވަރު ކޮށްފައިވާ ޔުވެންޓަސް ރޭ ކަގިލިއަރީ އަތުން 0-2 އިން ބަލިވެފައިވާ އިރު އެ ޓީމުގެ ސަޕޯޓަރުންގެ އުންމީދަކީ ފޯވާޑް ކްރްސްޓިއާނޯ ރޮނާލްޑޯއަށް ޔޫރޮޕުގެ ޓޮޕް ސްކޯރާ ލިބުމެވެ. ރޮނާލްޑޯ މިފަހަރުގެ ލީގުގައި 31 ގޯލު ޖަހާފައިވާ އިރު އެ ލީގުގައި އޭނާއަށް ވުރެން އިތުރަށް ގޯލު ޖަހާފައި ވަނީ ހަތަރުވަނައިގައި އޮތް ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ އެވެ.

ތަފާތު މޮޅު ފޯމެއްގައި މިވަގުތު ހުރި އިމޮބިލޭ މިހާތަނަށް ލީގުގައި 35 ގޯލު ޖަހާފައިވާ އިރު އޭނާ އަކީ މިވަގުތު ޔޫރޮޕުގެ ރަން ބޫޓުގެ ރޭހުގެ އެއްވަނަ އެވެ. ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޮސްކީ ދެވަނައިގައި އޮތީ 34 ގޯލާ އެކު އެވެ. ނަމަވެސް ޖަރުމަނު ލީގު ނިމިފައި އޮތުމުން އިމޮބިލޭގެ ހަމައެކަނި ވާދަވެރިޔަކީ ހަތަރު ގޯލު ފަހަތުގައި އޮތް ރޮނާލްޑޯ އެވެ.

ޔޫރޮޕުގެ ރަން ބޫޓު ފުރަތަމަ ފަހަރަށް އިމޮބިލޭ ހޯދުމާ ގާތަށް ޖެހިލާފައިވާ އިރު އަންނަ މެޗުގައި އޭނާ ގޯލެއް ޖަހައިފި ނަމަ އެއް އިޓާލިއަން ލީގުގެ ރެކޯޑަކާ އޭނާ އެއްހަމަ ވާނެ އެވެ. އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާއި އޭނާ ހަމަވާ އިރު އެ ރެކޯޑް މިހާރު އޮތީ ގޮންޒާލޯ ހިގުއައިން އަތުގަ އެވެ.

ހިގުއައިން ވަނީ 2015-2016 ވަނަ ސީޒަނުގައި ނަޕޯލީއާ އެކު ކުޅެ 36 ގޯލު އެއް ސީޒަނެއްގައި ޖަހައިގެން ރެކޯޑް ހަދައިފަ އެވެ.

comment ކޮމެންޓް