ބޮޑު ތާއީދަކާ އެކު އެތުލެޓިކްސްގެ ރައީސް ކަމަށް އަނެއްކާވެސް ތޮލާލް

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބްވި ތޮލާލް ކޮންގްރެސްގައި ވޯޓް ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބީ ކޮންގްރެސްގައި ވާދަކޮށް ބޮޑު ތާއީދަކާ އެކު އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް، މުހައްމަދު ތޮލާލް އަނެއްކާވެސް އިންތިހާބުވެވަޑައިގެންފި އެވެ.

މިއަދު ހެނދުނު ހ. ބޯޅަގޭގައި ބޭއްވި އެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ތޮލާލް އާއި ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ ޔަޒޫއެވެ. ޔަޒޫއާ ވާދަކޮށް ރައީސްގެ މަގާމު ތިންވަނަ ފަހަރަށް ތޮލާލް ދިފާއު ކުރެއްވީ 15 ވޯޓު ހޯދައިގެންނެވެ. ޔަޒޫ އަށް މިއަދުގެ އިންތިހާބުގައި ހޯއްދެވުނީ އެންމެ ވޯޓެކެވެ.

މިއަދުގެ އިންތިހާބުގައި 12 ކްލަބަކާއި ހަތަރު އިންޑިވިޖުއަލް މެންބަރުން ވަނީ ވޯޓު ލައިފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އަޙްމަދު އަޒީލެވެ. އަދި ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވޯ ކުރީ ދައުރެއްގައި އެ މަގާމު އަދާކުރި މުސްތަފާ މުޙައްމަދެވެ. މި މަގާމުތަކަށް އެންމެ މީހަކު ކުރިމަތިލާފައިވުމުން ފެންނަ ނުފެންނަ ވޯޓެއް ނެގިއިރު، އަޙްމަދު އަޒީލާއި މުސްތަފާ މުޙައްމަދު، މި ކޮންމެ ބޭފުޅަކަށްވެސް ވަނީ 15 ވޯޓު ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން ހިންގާ ކޮމިޓީގެ ތިން މެމްބަރުންގެ މަގާމަށް ހޮވިވަޑައިގެންނެވީ 15 ވޯޓާ އެކު މުހައްމަދު ޝުޖާއު އާއި 14 ވޯޓާ އެކު ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އަދި 13 ވޯޓާ އެކު ހުސެއިން އަމީން ނަސީރެވެ. ދެން ވާދަކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) އަށް ދެ ވޯޓް ލިބުނުއިރު، ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު (ވިއްސަ) އަށް ލިބުނީ އެންމެ ވޯޓެކެވެ.

އަދި އަންހެން މެންބަރު ކަމަށް ޔާސްމީން އަބްދުﷲ އެކަނި ކުރިމަތިލެއްވިއިރު، އޭނާއަށް ވަނީ ފެންނަ ނުފެންނަ ވޯޓުގައި 15 ވޯޓު ލިބިވަޑައިގެންފައެވެ.

އެތުލެޓިކްސް އަކީ މިފަހަކަށް އައިސް ރާއްޖޭގެ އެތުލީޓުން އެންމެ ގިނަ ކާމިޔާބީތަކާއި ކުރިއެރުންތައް ހޯދަމުން އަންނަ ކުޅިވަރެވެ. އެގޮތުން އެތުލެޓިކްސްގެ ދުވުމުގެ އިވެންޓުން ރާއްޖެއިން ވަނީ ސަރަހައްދީ އެންމެ ބޮޑު ދެ ގޭމްސް ކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި، ސައުތު އޭޝިއަން ގޭމްސްގައި ވެސް ރަން މެޑަލް ހޯދައިފަ އެވެ.

comment ކޮމެންޓް