އެފްއޯބީ އަގުން ޑިޔުޓީ ނެގިޔަސް އިންޝުއަރެންސް އާއި ފްރައިޓު ހަރަދު ހިއްސާކުރަން ޖެހޭނެ

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ މަހުގެެ އެކަކުން ފެށިގެން ކަސްޓަމްސް ޑިޔުޓީ ނަގާއިރު އެފްއޯބީ އަގުން ޑިޔުޓީ ނެގި ނަމަވެސް، ފްރައިޓާއި އިންޝުއަރެންސް ހަރަދުގެ މައުލޫމާތު ކަސްޓަމްސް އާއި ހިއްސާކުރަންޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ކުރި އިއުލާނެއްގައި ބުނީ އޮގަސްޓު އެކަކުން ފެށިގެން ޑިއުޓީ ދައްކަންޖެހޭ މުދަލަށް، ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގުކަމުގައި ބަލާނީ އެ މުދަލުގެ އެފްއޯބީ އަގަށް ކަމަށެވެ.

ނަމަވެސް، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ އެފްއޯބީ އަގުގެ އިތުރުން ފްރައިޓާއި އިންޝުއަރެންސް އަދި އެހެނިހެން ހަރަދު ހިމެނޭނަމަ، އެ މައުލޫމާތަކީ ކަސްޓަމްސްގެ ސްޓެޓިސްޓިކްސް އަށާއި ކަސްޓަމްސްއިން ސްޓެޓިސްޓިކްސް ހޯއްދަވާ ފަރާތްތަކަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައްޔާރުކުރާ "ބެލެންސް އޮފް ޕޭމަންޓް" އަށާއި، ޔުނައިޓެޑް ނޭޝަންސް ސްޓެޓިސްޓިކްސް ޑިވިޝަނުން ތައްޔާރުކުރާ އިންޓަނޭޝަނަލް މަޗަންޑައިސް ޓްރޭޑް ސްޓެޓިސްޓިކްސް އަށްވެސް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށްވެސް އެ އިދާރާ އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މުދާ އިމްޕޯޓް ކުރުމަށް ގުޑްސް ޑިކްލަރޭޝަން ފުރިހަމަ ކުރުމުގައި މިހާރެކޭވެސް އެއްގޮތަށް ފްރައިޓް، އިންޝުއަރެންސް އަދި އެހެނިހެން ހަރަދު ހިމެނޭނަމަ އެ މައުލޫމާތު ވަކިވަކީން ހިމަނައިގެން ޑިކްލަރޭޝަން ފޯމު ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

ކަސްޓަމްސްގެ އާއްމު ގަވައިދުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ އިންވޮއިސްގައި ހުންނަންޖެހޭ މައުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މިހާރު ކަސްޓަމްސް އިން ޑިޔުޓީ ނަގަނީ މުދަލުގެ ސީއައިއެފް އަގުންނެވެ. އޭގެ ތެރޭ ހިމެނޭނެ މުދާ ގެނައުމަށް ހިނގާ ހުރިހާ ހަރަދެއް ހިމެނެ އެވެ. އެގޮތުން ނާލު ފްރައިޓު ޗާޖު އަދި އިންޝުއަރެންސް ހިމެނޭއިރު އެފްއޯބީ އިން ޑިޔުޓީ ނަގަން ފެށުމުން އޭގައި ހިމެނޭނީ ރާއްޖެ ގެނައުމަށް ބޯޓާ ހަމައަށް ގެންދިޔުމާ ހަމައަށް މި ހިނގާ ހަރަދެވެ.

comment ކޮމެންޓް