ކޮވިޑް ޓެސްޓަށް ބޭނުންވާ ދެ މެޝިން ޔުނިވާސަލް އިން ހަދިޔާކޮށްފި

ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ދެ ޕީސީއާރު މެޝިން ހެލްތު މިނިސްޓްރީ އަށް ހަދިޔާކުރުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ކޮވިޑް ޓެސްޓް ހެދުމަށް ބޭނުން ކުރާ ދެ ޕީސީއާރު މެޝިން ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފި އެވެ.

މިއީ ކޮވިޑް 19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން އެ ކުންފުނިން ވެދިން އެހީތެރިކަމެއް ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ޕީސީއާރު މެޝިންތައް ރަސްމީކޮށް ހެލްތު މިނިސްޓްރީ އަށް ހަދިޔާ ކުރުމަށް ރޭ ވަނީ ހެލްތު އިމަޖެންސީ އޮޕަރެޝަން ސެންޓަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޔުނިވާސަލްގެ އިސްވެރިންނަށާއި މިކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެކުރިން އެ ކުންފުނީގެ ފަރާތުން 20،000 ޓެސްޓްކިޓް ހަދިޔާކޮށްފައިވާތީ އެކަން ފާހަގަކުރައްވައި، ކޮވިޑްް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެކި ފަރާތްތަކުން ލިބިގެންދާ އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކުރިއަށް އޮތްތާގައި މިފަދަ އެހީތެރިކަން އިތުރަށް ބޭނުންވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމްޢިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން ދަނީ އެހީތެރިވަމުންނެވެ.

comment ކޮމެންޓް