ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެމީހުން ދިރިއުޅުމުންދާ ތަނުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުމުގައި ލަސްތަކެއް ދިމާވެފައިވަނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ފަހަކަށް އައިސް އެޗްޕީއޭ އިން ދެމުންދާ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާ އިތުވެފައިވާތީ 'ސަން' އިން ސުވާލު ކުރުމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، އެފަދަ ކަންބޮޑުވުންތައް އެޗްޕީއޭއާ ހަމައަށް ވެސް ލިބިފައިވާ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ އެންމެ ރަނގަޅަށް ހުރިހާ ކަމެއް ވެސް ކުރުމަށް ކަމަށެވެ.
އެގޮތުން މި ދުވަސްވަރަކީ މޫސުން ގޯސް ކަނޑު ގަދަ އަދި ވިއްސާރަ ދުވަސްވަރެއްކަން ފާހަގަކުރައްވައި ތަސްލީމާ ވިދާޅުވީ، ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން އައިސޮލޭޝަނަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގެންދިއުމަށް މިހާރު ބޭނުން ކުރަމުން އަންނަނީ ބަނޑޮސް އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓެވެ. އަދި ހުޅުމާލޭގެ ބައެއް ގެސްޓްހައުސްތައް ވެސް ބޭނުން ކުރަމުން އައި ނަމަވެސް އެ ތަންތަން މިހާރު ހުރީ ފުލް ކޮށް ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް މައިގަނޑު ދެ މޫވްމެންޓަކަށް މީހުން މި ގެންދަނީ. މިއަދު ވެސް ކަނޑު ގަދަވުމުގެ ސަބަބުން އެންމެ މޫވްމެންޓް ކުރިއަށް ގެންގޮސްފައިވަނީ،" ތަސްލީމާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް ދިން ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާ ކަން ފާހަގަކޮށް ތަސްލީމާ ވިދާޅުވީ އިތުރު ތަންތަން އައިސޮލޭޝަނަށް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެރިއަދޫގެ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާއިރު ވަރަށް އަވަހަށް ބޭނުން ކުރަން ފަށާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުނަށް ފަރުވާ ދިނުމަށް ރާއްޖޭގެ ހަތަރު ސަރަހައްދުގައި ގާއިމް ކުރި ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތައް މިހާރު ވަނީ ހުޅުވާފަ އެވެ. އެ ފެސިލިޓީތައް ގާއިމް ކޮށްފައިވަނީ ށ. ފުނަދޫ އާއި ބ. އޭދަފުށީގެ އިތުރުން ލ. ގަމާއި ގއ. ވިލިނގިލީގަ އެވެ.
މިހާތަނަށް ރާއްޖެއިން މުޅި ޖުމްލަ 70،845 ސާމްޕަލް ޓެސްޓުކޮށްފައި ވާއިރު، 3،175 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 2،498 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ތިބީ 647 މީހެކެވެ.
މިހާތަނަށް ރާއްޖެއިން 1،425 ބަންގްލަދޭޝް މީހުން ވައިިރަހަށް ޕޮޒިޓިވްވެފައި ވާއިރު، ޕޮޒިޓިވް ދިވެހީންގެ އަދަދު ވަނީ 1،397 އަށް އަރައިފައެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް 15 މީހަކު ވަނީ މަރުވެފައެވެ.