އަނިޔާ ލިބުނު މީހާ އާޒިމާއާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރޭ: ވަކީލުން

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސަފާރީއެއްގައި ޖިންސީ ގޯނާކުރި މައްސަލާގައި އަނިޔާ ލިބުނު ފަރާތުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށް އަނިޔާ ލިބުނު ފަރާތުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖޫން މަހު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ހިގާދިޔައީ ރޭޕްގެ އަމަލެއް ކަމަށް ބުނެ މެންދުރު އޮންލައިންގައި ލިޔެފައިވާ ލިޔުމުގައި ހިމެނޭ މައުލޫމާތަކީ އާޒިމާ ދިން މައުލޫމާތު ކަމަށް ބުނެ އެ ނޫހުން ވަނީ އިއްޔެ ބަޔާނެއް ނެރިފަ އެވެ.

އަނިޔާ ލިބުނު ކެންޔާގެ އެ އަންހެން މީހާގެ ވަކީލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އާޒިމާ އަކީ އަނިޔާ ލިބުނު މީހާ އެއްވެސް ވަރަކަށް ދަންނަ މީހެއް ނޫން ކަމަށެވެ. އަދި އެ ނޫސް ބަޔާނުގައި ޝާއިއުކޮށްފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭނާގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރަނީ ރިޒާ އެންޑް ކޯ ލޯ ފާމްގެ ވަކީލު ޝަފީއާ ރިޒާ އަދި ވަކީލު ނޫރުބާން ފަހުމީ އެވެ.

"ވީމާ ބުނެވިދިޔަ ރިޕޯޓު މިހިނދުން މިހިނދަށް ނެގުމަށް މެންދުރު އޮންލައިނަށް އަންގަމެވެ." ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އާޒިމާވެސް ވިދާޅުވެފައި ވަނީ އޭނާއާ ބެހޭގޮތުން މެންދުރު އޮންލައިނުން ނެރިފައިވާ ބަޔާނަކީ ދޮގު މައުލޫމާތުގެ މައްޗަށް ނެރިފައިވާ ބަޔާނެއް ކަމަށެވެ. އޭނާ މެންދުރު އޮންލައިނާ ވާހަކަވެސް ދައްކާފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެމައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

ސަފާރީގައި ހިންގާ ދިޔަ ޖިންސީ ގޯނާގެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާއާ އޭނާގެ ވަކީލުންގެ ހާޒިރުގައި ނޫނީ އެއްވެސް މުއާމަލާތެއް ނުކުރަން ވަކީލުން ވަނީ މީޑިއާއަށް އަންގާފަ އެވެ. އަދި އެއްވެސް ހަބަރެއް ޝާއިއު ކުރުމުގެ ކުރިން ވަކީލުންގެ ހުއްދަ ހޯދަންވެސް ބަޔާނުގައި އެދިފައިވެ އެވެ.

އުމުރުން 27 އަހަރުގެ އަންހެން މީހާއަށް ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 26 ވަނަ ދުވަހުގެ ފަތިހު 05:00 ހާއިރު، ޕެޓްރޯލް ކުރަން ނުކުމެ އުޅުނު ފުލުހުންނަށް ހުޅުމާލޭ ލަކުޑި ޖެޓީ މަތީގައި އެ އަންހެން މީހާއާއެކު އިތުރު ދެ މީހަކު ތިއްބާ ފެނިގެން އެތަނަށް ގޮސް ސުވާލު ކުރުމުންނެވެ.

އެގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުންގެ އަމަލުތައް އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވާން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެންގޮސް ހުޅުމާލެ ޖެޓީއަށް ބޭލީ ކަމަށް އަންހެން މީހާ ވަނީ ބަޔާން ދީފައެވެ.

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލާނީ ބޮޑުކަމެއް ވެގެން ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށާއި އެހެންކަމުން ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މައްސަލަ ތަހުގީގުކުރަމުންް އަންނަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ނަމަވެސް ސަފާރީގަައި ރޭޕް އެއް ނުހިނގާކަމަށް "ރޫލް އައުޓް" ނުކުރާ ކަމަށް މަންނާނު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް