ދެހާސް ބާރަ ވަނަ އަހަރުގެ ހަތެއް އަދި އަށެއް ފެބުރުއަރީގައި ހިނގާ ދިޔަ ކަންމުގައި ފުލުހުންގެ ފަރާތުން ގާނޫނަށް ހިލާފަށް އަމަލު ކުރި ފުލުހުންނަށް މިހާރު ތިބީ ވިސްނިފައި ކަމަށް ކޮމިޝަނަރު އޮފް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހަތެއް އަދި އަށެއް ފެބުރުއަރީގައި ފުލުހުން ގާނޫނަށް ހިލާފަށް އަމަލުކުރި ކަމަށް އޭރު ވެރިކަމުގައި އޮތް އެމްޑީޕީއިން މިހާރުވެސް ދަނީ ބުނަމުންނެވެ. އަދި އެކަމުގައި ބައިވެރިވި ފުލުހުން ވަކިކުރަންވެސް ދަނީ ގޮވާލަމުންނެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ހަމީދު މިރޭ ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާއިން ހަތެއް ފެބުރުއަރީގައި ހިންގި ފަދަ ކަމެއް ދެން ހިންގާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"އެ ބެކްވާޑް ސްޓެޕެއް ނުވަތަ އެފަދަ ކަމެއް ދެން ކުރާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންގެ ތެރެއިން އެއްވެސް ބަޔަކު ހިމެނިގެންނެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުންގެ ތެރެއިން އެދުވަހު ވަކި ޖޯޝެއްގައި ވަކި ރޫހެއްގައި ވަކި ޖަޒުބާތެއްގައި ކަންތައްތަކެއް ކުރި ފުލުހުންނަށް މިއަދު އެ މުއައްސަސާގައި ތިބި ކަމަށްވަންޏާ އެބަޔަކަށް ވިސްނިފައި ވާނީ،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
އަދިވެސް އޭރުގައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގި ފުލުހުން މިހާރުވެސް ތިބި ކަމަށް ރާއްޖެޓީވީގެ ޕްރެޒެންޓަރު ފާހަގަ ކުރެއްވުމުން ސީޕީ ހަމީދު ވިދާޅުވީ "އެބަތިބި" ކަމަށެވެ. އެހެންނަމަވެސް އެމީހުންނަށް މިހާރު ވާނީ "ވިސްނިފައި" ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންނަކީ ސިޔާސީ ވާން ނުޖެހޭ ބައެއް ކަން ފާހަގަކޮށް ހަމީދު ވިދާޅުވީ ދައުލަތް ހިނގަން ވާގޮތް ބުނަން ޖެހޭނީ ފުލުހުން ނޫން ކަމަށެވެ. އަދި ގާނޫނުތައް އޮންނަން ވާގޮތާއި ވެރިކަމުގައި ހުންނާނެ މީހަކު ކަނޑައަޅާނީވެސް ފުލުހުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިހާރު އޮންނާނީ އެކަން ދަސްވެފައި. މިހާރު ފުދޭވަރަކަށް ދުވަސްތަކެއް ހޭދަވެއްޖެ އެކަމެއް ހިނގާފައި އޭގެތެރެއިން މިހާތަނަށް އައި އިރުގައި ކަންކަން ދަސްވެފަ ވާތާ." ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ އިންކުއަރީ ކޮމިޝަނުން ތައްޔާރުކުރި ކޯނީ ރިޕޯޓުގައި ފުލުހުންނާއި ސިފައިން އަމަލުކުރި ގޮތްތަކުގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަމަށް ފާހަގަ ކުރި ކަންކަން ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވާ ކަމަށެވެ. އެހެންވެ އެކަން ދައުލަތަށް ދޫކޮށްލާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތެއް ފެބުރުއަރީގައި ހިނގާދިޔަ ކަންކަން ބެލުމަށް ބާރު ލިބިދޭނެ ގާނޫނެއް ހެދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަންނަނީ ކުރަމުންނެވެ.