އަސާސީ މުސާރައެއް ދިނުމުން ފަގީރު ގައުމުތަކުގައި ވައިރަސް ފެތުރުން ކުޑަކުރެވިދާނެ: އދ

ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ތެރޭގައި ފަގީރުންނަށް ވަސީލަތްތައް ހޯދައި ދިނުމަށް ގޮވާލާ އާޖެންޓީނާގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް

އދ. (ޖުލައި 23): ދުނިޔޭގެ އެންމެ ފަގީރު މީހުންނަށް ވަގުތީ ގޮތުން އަސާސީ މުސާރައެއް ދޭން ފެށުމަކީ ކޮރޯނާވައިރަސް ފެތުރުން ކުޑަ ކުރެވިދާނެ ގޮތެއް ކަމަށް ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން ބުނެފި އެވެ.

ޔޫއެންޑީޕީން އިއްޔެ ނެރުނު ރިޕޯޓެއްގައިވާ ވަނީ ތަރައްގީވަމުން އަންނަ 132 ގައުމުގައި ފަގީރުކަމާ ކުރިމަތިލާން ޖެހިފައިވާ 2.7 ބިލިއަން މީހުންނަށް ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް، ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް ނަމަވެސް އަސާސީ މުސާރައެއް ދިނުމަށް ގޮވާލާފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ޓެމްޕެރަރީ ބޭސިކް އިންކަމް (ޓީބީއައި) ދިނުމުން ރައްޔިތުންނަށް ކާނާއާއި ސިއްހީ ފަރުވާއާއި ތައުލީމަށް ހަރަދު ކުރަން ފައިސާ ލިބޭނެ އެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކޮންމެ 10 މީހުންގެ ތެރެއިން ހަތް މީހުންނަކީ ނުރަސްމީ ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ކަމުން މިހާރު އެފަދަ މަސައްކަތް ނުކުރެވުނު ނަމަވެސް، ޓީބީއައި ދިނުމުން އެމީހުންނަށް ގޭގައި ތިބެގެން ހަރަދުތައް ބެލެހެއްޓޭނެ ކަމަށެވެ. އޭގެ ސަބަބުން ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ޔޫއެންޑީޕީން ލަފާ ކުރާ ގޮތުގައި އެ 132 ގައުމުގައި ފަގީރުންނަށް އަސާސީ މުސާރަ ދޭ ނަމަ އެކަމަށް ކޮންމެ މަހަކު ޖުމްލަ 199 ބިލިއަން ޑޮލަރު ހޭދަ ވާނެ އެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ފޮސިލް ފިއުލް ސަބްސިޑީ ކުޑަކޮށްގެން ހޯދިދާނެ އެވެ. ނުވަތަ އެގައުމުތަކުން ދަރަނި އަނބުރާ ދައްކަން ހާއްސަކޮށްފައިވާ ފައިސާވެސް އަސާސީ މުސާރަ ދޭން ބޭނުން ކުރުމަށް ޔޫއެންޑީޕީން ލަފާ ދިނެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން ޖީ20 ގައުމުތަކުން ވަނީ އެންމެ ފަގީރު ގައުމުތަކުން ދަރަނި އަނބުރާ ދެއްކުން ޑިސެމްބަރު މަހާ ހަމަޔަށް ފަސް ކުރަން ހުއްދަ ދީފަ އެވެ. އަދި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ ދަރަނި ދެއްކުން މަޑުޖައްސާލުމަށް ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި ތަރައްގީ ވަމުން އަންނަ ހުރިހާ ގައުމުތަކެއްވެސް ހިމެނުމަށް އެދިލައްވާފަ އެވެ.

comment ކޮމެންޓް