ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކޯޓަށް ވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް މިއަދު ހައިކޯޓުން އަމުރުކޮށްފި އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ މި މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެ ދައުވާތައް ބޭރުކުރަން ނިންމި ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މިއަދު އެ އިސްތިއުނާފު މައްސަލައިގެ ފުރަތަމަ ދެ އަޑުއެހުން ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއަދުގެ އަޑުއެހުންތަކަކީ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރަން ދައުލަތުން އަމުރަކަށް އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުންތަކެކެވެ.

މިއަދުގެ ފުރަތަމަ އަޑުއެހުން ނިންމާލީ، އަދީބަށް ވަކީލެއް ހަމަޖެއްސުމުގެ ފުރުސަތު ދިނުމަށެވެ. އަދި ދެވަނަ އަޑުއެހުން މިއަދު 3:00 އަށް ތާވަލު ކުރި އެވެ. އެ އަޑުއެހުމަށް އަދީބު ވަޑައިގަތީ އޭނާގެ އެހެން މައްސަލަތަކުގައިވެސް ވަކާލާތު ކުރައްވާ ވަކީލު މަހުފޫޒު ސައީދާއެކު އެވެ.

ބަންދު އަމުރުގެ މައްސަލައިގައި ދެކޮޅުން ތަފްސީލުކޮށް ވާހަކަ ދެއްކީ ދެވަނަ އަޑުއެހުމުގަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އަދީބަކީ މީގެ ކުރިން ވެސް ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ބޭފުޅެއްކަމުންނާއި، އޭނާ އަކީ ސަލާމަތީ ބާރުތަކަށް ނޭނގި ރާއްޖެއިން ބޭރަށް ފިއްލެވުމުގެ ގާބިލުކަން ހުރި ފަރާތެއްކަމުން އިސްތިއުނާފު މައްސަލަ ނިމުމުގެ ކުރިން އޭނާ ފިއްލެވުމުގެ އިހްތިލާމު އެބަ އޮތް ކަމަށެވެ. އަދި އޭނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ޖިނާއި ބޮޑެތި ކުށްތައްކަންވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، އަދީބުގެ މައްސަަލައަށް ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތްތަކަށް ފެތޭތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން އޭނާ ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދުނެވެ.

އަދީބުގެ ވަކީލު މަހުފޫޒު ފާހަގަކުރެއްވީ، މީގެ ކުރިންވެސް އަދީބު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައި ވަނިކޮށް އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމެވެ. އަދި އެކަން ކުރީ، އަދީބުގެ ގޭގެ ބޭރުގައި ކެމެރާ ހަރުކޮށް، ގެ ކައިރީގައި ކަރެކްޝަންސްގެ އޮފިސަރުން ބައިތިއްބެން ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. ގޭބަންދަށް ބަދަލު ކުރީ އެ ފިޔަވަޅުތަކާއެކު އަދީބު ފިލައިގެން ދިޔުމުގެ އިހްތިމާލު ގެއްލުނީ ކަމަށް އޭރު ގަބޫލު ކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. މަހުފޫޒު ވިދާޅުވީ، މިހާރުވެސް އަދީބުގެ ގޭގައި ކެމެރާ ހަރުކޮށްފައި ހުންނަ ކަމާއި، އަދި އޭނާ ގާތުގައި ފުލުހުން އަބަދުވެސް އުޅޭ ކަމެވެ. އެހެންކަމުން އޭނާ ފިލައިގެން ދިޔުމުގެ އިހްތިމާލު މިހާރުވެސް ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އަދީބުގެ މައްސަލައަކީ އިޖުރާއީ މައްސަލަތަކެއްގެ ނިންމުމެއް ކަމަށެވެ. ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިޖުރާއީ ކަންކަމާ ގުޅޭ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ކަމަށް ބުނެފައިވާއިރު، އެފަދަ އިޖުރާއީ މައްސަލަތައް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓޭނެ ކަމަށް އެ ގަވައިދުގައި ބުނެފައި ނުވާކަން އޭނާ ފާހަަގަކުރެއްވި އެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ ދަށުން އަދީބު ބަންދު ނުކުރެވޭނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައި ވަނީ ދައުވާ ލިބޭ މީހާ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކަމަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފު ކުރެވޭނެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރާއިރު، އެފަދަ އިސްތިއުނާފު މައްސަލަތައް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެެދެވިދާނެކަން އެ މާއްދާގެ (ށ)ގައި ބަޔާން ކުރާ ކަމަށެވެ. އަދީބުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރު ކުރުމަކީ އޭނާ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް ނިންމި ނިންމުމެއް ކަމަށް ދައުލަތުން ދެކެ އެވެ.

ދައުލަތުގެ ވަކީލު ނައުފަލް އިތުރަށް ވިދާޅުވީ، މިހާރު އަދީބުގެ ގޭގައި ކެމެރޭ ހަރުކޮށް އޭނާ ގާތުގައި ފުލުހުން ތިބެނީ އޭނާ އެދިގެން ކަމަށެވެ. އޭނާ ބޭނުން ކޮންމެ އިރަކު އެކަން އަނބުރާ ގެންދެވޭނެ ކަމަށް ނައުފަލް ވިދާޅުވި އެވެ. މަހުފޫޒު ވިދާޅުވީ، ނައުފަލްގެ އެ ވާހަކައިން ދޭހަވަނީ މިހާރު ފިލައިގެން ދިޔުމުގެ އިހްތިމާލު އޮތް ހާލަތެއް ނެތް ކަމަށް ދައުލަތުންވެސް ދެކޭކަން ކަމަށެވެ. ނަމަވެސް އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ.

ދައުލަތުން އިތުރަށް ބުނި ގޮތުގައި، މީގެ ކުރިން އަދީބު ގޭބަންދަށް ބަދަލު ކުރީ ދައުލަތުން އެދިގެންނެއް ނޫނެވެ. އެކަން ކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ކަރެކްޝަނަލް ސާވިސަސްއަށް ލިބިދޭ ބާރުގެ ދަށުން އެ މުއައްސަސާއިން ކަމަށް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބުވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އޭނާ މީގެ ކުރިން ފިއްލެވި މައްސަލައާ ގުޅިގެން މިހާރު ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން، އޭނާ އަދިވެސް ފިއްލަވާފާނެ ކަމަށް ބަލައި ޖަލުގައި ބެހެއްޓުން ވާނީ އަނެއްކާވެސް އެ ކުށަށް އަދަބު ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އޭނާ ފިއްލަވާފާނެ ކަމަށް ދައުލަތުން ބުނާ އިރު އެއީ ކޯޓަށް ހުށަހަޅާފައިވާ އެއްވެސް އިންޓެލް ރިޕޯޓެއް ފަދަ ލިޔުމަކަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ސިއްހީ މައްސަލަތަކާ ބެހޭގޮތުން ވެސް އޭނާ ވާހަކަދެއްކެވި އެވެ. މީގެ ކުރިން އޭނާ ހުކުމް ތަންފީޒު ކުރަން ތިން އަހަރު ދޫނިދޫގައި ބެހެއްޓި ކަމަށާއި، އެތަނުގައި އޮވެ އޭނާއަށް ސިއްހީ މައްސަލަތައް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރުވެސް އޭނާ އަކީ ސްލީޕް އެޕްނިއާ ކިޔާ ބައްޔެއްގެ ސަބަބުން މެޝިނެއް ގުޅައިގެން ނިދަން ޖެހޭ މީހެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ޝަރީއަތް ނިމެންދެންވެސް މިނިވަނެއްގެ ގޮތުގައި ބެހެއްޓުމަށް އަދީބު އެދިވަޑައިގަތެވެ.

ދެ ފަރާތުން ވާހަކަ ދައްކައި ނިމުމުން، ބަންދާ މެދު ގޮތެއް ނިންމަން މައްސަލަ ބަލާ ބެންޗުން 30 މިނެޓަށް އަޑުއެހުން މެދުކަނޑާލި އެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އޭނާ ފިލާފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ބުނެ ދައުލަތުން ދެއްކި ވާހަކައިގެ ރައްދުގައި، އެ އިހްތިމާލު ނެތް ކަމަށް ގަބޫލު ކުރެވޭ ފަދަ ހުށަހެޅުމެއް އަދީބުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން އަދީބު ފާހަަގަކުރެއްވި ސިއްހީ ކަންކަމަކީ ބަންދުގައި ބަހައްޓައިގެން ވެސް، ޖަލުތަކާ ޕެރޯލްގެ ގާނޫނާއި ޖަލުތަކާ ބެހޭ ގައިވައިދުތަކުގެ ދަށުން ކުރިއަށްގެންދެވިދާނެ ކަންކަން ކަމަށެވެ.

އޭގެ އިތުރުން އަދީބުގެ މައްޗަށް ދައުލަތުން ކުރަނީ ޖިނާއީ ބޮޑެތި ތުހުމަތުތަކަަކަށްވާއިރު، އޭނާއާ ދެކޮޅަށް ދައުލަތުން އެކަށީގެންވާ ވަރަށް ހެކިވެސް ހުށަހަޅާފައި އެބަ ހުރިކަން ހައިކޯޓުގެ އަމުރުގައި ފާހަގަކުރި އެވެ.

މި ސަބަބުތަކާ ހުރެ އޭނާ ފިލާފާނެ ކަމަށްޓަކައި، ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނިމެންދެން، ނޫނީ ހައިކޯޓުން އެހެން ގޮތެއް ކަނޑައަޅަންދެން އަދީބު ރިމާންޑު ޖަލެއްގައި ބަހައްޓަން ހައިކޯޓުން އަމުރު ކުރި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ އާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާ އާއި، މަނީ ލޯންޑަރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގާޒީ އިސްމާއިލް ރަޝީދެވެ. ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޑު ކުރުމަށް މިހާރު ޖޭއެސްސީއިން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް