ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް ގާއިމުކުރައްވައި، އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށި، ނިއުމާތު ޝަފީގު މިއަދު އައްޔަންކުރައްވައިފިއެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުން އުފެދުނު މަގާމެކެވެ.
އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރުމަށް ނިއުމާތުގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
ނިއުމާތު އަށް ރުހުން ދޭން ނިންމި އިރު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބުނެފައި ވަނީ ނިއުމާތު އަކީ ވަކި ފަރާތަކަށް ނުޖެހި، މިނިވަންކޮށް މަސައްކަތް ކުރައްވާނެ ބޭފުޅެއްކަމަށާއި އޭނާއާ ހަވާލު ކުރި މަސައްކަތްތައް މިހާތަނަށް ވަރަށް ފުރިހަމައަށް އަދާކުރައްވާފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި ޕްރީ ސްކޫލްތައް ގާއިމު ކުރުމަށް ޔުނިސެފްގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ނިއުމާތު ކުރައްވާފައިވާ ކަމަށާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ފަރާތްތަކުގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވާފައިވާ ކަމަށް ވެސް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، ރައީސް ސޯލިހު މިއަދު އެ މަގާމަށް ނިއުމާތު އައްޔަންކުރައްވާފައިވާ ކަމަށެވެ.
ނިއުމާތު މިވަގުތު ހުންނެވީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަގާމުގައެވެ.
މިއަދު ރައީސް ވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް ވެސް ގާއިމުކުރައްވައިފައެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރަން އައްޔަން ކުރާ މަގާމެކެވެ.