ހުޅުމާލެ މަސްމާރުކޭޓު ހިންގާނެ ފަރާތެއް ހޯދަނީ

ހުޅުމާލެ މަސް މާރުކޭޓުގައި މަސްވިއްކަން -- ފޮޓޯ: ޓްވިޓާ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ވަގުތީ މަސްމާރުކޭޓު ހިންގުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަސް މާރުކޭޓު ހިންގާ ފަރާތުން އެޗްޑީސީ އަށް އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭނެއެވެ. މިތަން ހިންގުމުގެ ފުރުސަތު ދޭނީ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށެވެ.

އެޗްޑީސީ އިން އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ވާގޮތުން މާރުކޭޓު ހިންގުމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ ފުރުސަތު ލިބޭ ފަރާތަކުން އެޗްޑީސީ އަށް 50،000 ރުފިޔާގެ ސެކިޔުރިޓީ ޑިޕޮސިޓެއް ދައްކަން ޖެހޭނެއެވެ.

މާރުކޭޓު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭނީ އޮގަސްޓް 12 ވަނަ ދުވަހުގެ 9:00 އާއި 11:00 އާއި ދެމެދުއެވެ.

މަސްމާރުކޭޓު ހިންގާ ފަރާތުން، ތިންވަނަ ފަރާތަކަށް އެތަން ކުއްޔަށް ދިނުމަކީ މަނާކަމެއް ކަމަށް މަސްމާރުކޭޓު ހިންގުމާ ގުޅޭގޮތުން އެޗްޑީސީ އިން އެކުލަވާލާފައިވާ ގަވައިދުގައި ބުނެފައިވެއެވެ. އެތަނުގެ ފެނާޢި ކަރަންޓު ބިލު ދައްކަން ޖެހޭނީ ހިންގާ ފަރާތުން ކަމަށާއި ވިޔަފާރި ކުރާ ގަޑި ހަމަވުމުން ތަން ސާފުކޮށް ކުނި އުކާލުމުގެ ޒިންމާ އަދާކުރަންޖެހޭނީވެސް ހިންގާ ފަރާތުން ކަަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ހަދާފައިވާ މަސްމާރުކޭޓު މިހާރު ހިންގަނީ އެއްވެސް ބަޔަކާ ހަވާލުކޮށްގެންނެއް ނޫނެވެ. މަސްވިއްކާ ފަރާތްތަކުން އެތަނުގައި މަސްވިއްކުމުގެ ހިދުމަތްދެއެވެ.

މަސްމާރުކޭޓުގައި މަސްކަނޑާ ހަ އައްޓާއި މަސް އަތުރާ ހަ އަށި ހުރެއެވެ. އެޗްޑީސީ އިން ބުނީ މާރުކޭޓު ހިންގުން ބަޔަކާ ހަވާލު ކުރުމަށްފަހު، މަސް ކެނޑުމުގެ ހިދުމަތް ދެވޭނީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގައި ކަމަށެވެ. އަގު ލިސްޓު އާންމުންނަށް ފެންނާނެހެން ބެހެއްޓުމަކީ ތަން ހިންގާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް