ރެސިޑެންސް ވިސާއާ ގުޅިގެން ނަޝީދު ހުށަހެޅި އިސްލާހަށް ސަރުކާރުން ތާއީދެއް ނުކުރޭ

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިނިސްޓަރު ފައްޔާޒު އިސްމާއީލް -- ސަންފޮޓޯ/ ފަޔާޒު މޫސާ

އެއްލައްކަ ރުފިޔާއަށް ވުރެ ގިނައިން އިންވެސްޓް ކުރާ ފަރާތްތަކަށް އަދި 10 އަހަރު ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމިޓީއަށް ހުށަހެޅުއްވި އިސްލާހަށް ސަރުކާރުން ތާއީދެއް ނުކުރި އެވެ.

އިމިގްރޭޝަން ގާނޫނަށް މަޖިލީހުގެ ރައީސް ހުށަހެޅުއްވި އިސްލާހަށް ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މިއަދު މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ގެ ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންސް ވިސާ ދޭން ބޭނުން ނުވާ ކަމަށެވެ. އަދި އެއްލައްކަ ރުފިޔާ ހަރަދު ކުރާ މީހުންނަށް ވެސް ރެސިޑެންސް ވިސާ ދިނުން މުހިންމު ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރެސިޑެންސް ވިސާއަކީ ސިޓިޒަންޝިޕް ދިނުމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ރާއްޖޭގައި ރެސިޑެންސް ވިސާއިން ލިބޭ ހަމައެކަނި ފައިދާއަކީ ފަސޭހަކަމާ އެކު ގައުމަށް ވަދެ ނުކުތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި އެއްލައްކަ ރުފިޔާ އިންވެސްޓްމެންޓް އެއީކީ މިވަގުތަކަށް ކޮންމެހެން ބޭނުން ކަމެއް ނޫން." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ރެސިޑެންސީ ވިސާދޭން ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތަށް ރިސޯޓުތަކުން ވިލާ ގަންނަ ފަރާތްތަކަށް ސެކަންޑް ހޯމް ރެސިޑެންސީ ވިސާގެ ގޮތުގައި ވިސާ ދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެއީ ތިން ލައްކަ ޑޮލަރަށް ވުރެ ގިނައިން އިންވެސްޓް ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް -- ސަންފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެން މިހާރު ފަރުމާކުރަމުން މިދަނީ ކޯޕަރޭޓް ރެސިޑެންސީއާ ބެހޭ ގާނޫނެއް. އެއީ އޭގެން ތަންކޮޅެއް އިންވެސްޓަރަށް ވެސް ހައްގުތަކެއް ކަށަވަރުވާ ގޮތަކަށް ރެސިޑެންސީ ވިސާ ބައްޓަން ކުރުމަށްޓަކައި." ފައްޔާޒު ވިދާޅުވި އެވެ.

ސެކަންޑް ހޯމް ޕްރޮގްރާމް ފަށަން ވިސްނުން ހުރީ ހއ. ދައްޕަރުގައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ޕައިލެޓް ޕްރޮޖެކްޓެއް ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އާންމު މީހުން ދިރިއުޅޭ ރަށްރަށުގައި އެ ފަދަ ޕްރޮޖެކްޓެއް ހިންގުމުގެ ވިސްނުމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ތިން ލައްކައެއްހާ ޑޮލަރު އެއީ އިންވެސްޓްމެންޓަކަށް ވާން ޖެހޭ. އެއީ އެކަހަލަ ތަނަކުން އަޅުގަނޑުމެން އުފައްދާ ވިލާއެއް ނުވަތަ އެޕާޓްމެންޓެއް ތިން ލައްކައެއްހާ ޑޮލަރަށް ގަތީމަ އައިސް ވަދެވޭގޮތަށް އިންވެސްޓްމެންޓެއް ގޮތުގައި ބެލުމަށް." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ. އެގޮތުން އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށް ވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެސިޑެންސް ވިސާ ދިނުމަށް ވަނީ ހުށަހަޅުއްވައިިފަ އެވެ.

އެ އިސްލާހާ ގުޅިގެން މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް، އެ މައްސަލަ ބަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ. ކުއްލި މައްސަލައިގެ ވޯޓަށް އެހުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ އެއްވެސް މައުލޫމާތެއް އޮޅިފައި އޮވެގެން ނުވާނެ ކަމަށާއި އުސޫލު އޮންނަ ގޮތުން އެމަނިކުފާނަށް އެއްވެސް ކޮމެޓީއަކަށް އިސްލާހު ހުށަނޭޅޭނެ ކަމަށެވެ.

"އަޅުގަނޑެއް ކޮމެޓީއަކަށް އިސްލާހެއް ހުށަހަހެއް ނާޅަން. އަޅުގަނޑު ކޮމެޓީއަށް އިސްލާހެއް ހުށަހެޅި ކަމަށް ވިދާޅުވީ އަޅުގަނޑަކަށް ނުވިސްނޭ އަޅުގަނޑު ހިތުން ކޮމެޓީގެ މުގައްރިރު އެގޮތަށް އެ މައުލޫމާތު ދެއްވީ. އަޅުގަނޑު ވަރަށް ސާފުކޮށް ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން އަދި އަޅުގަނޑު އިދާރީ މޭޒުން ވެސް އެހެނިގެން ގޮތްގޮތުން ބެލީމާވެސް ވަރަށް ބޮޑަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ އަޅުގަނޑު ހުށަހަޅާފައިވާ އިސްލާހެއް ނުވާނެ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް