ކޮވިޑަށް ފަރުވާ ދެވޭވަރަށް ލ. ގަން ފެސިލިޓީ ތައްޔާރުވެއްޖެ

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ-- ފޮޓޯ: ލ. ގަން ރީޖަނަލް ހޮސްޕިޓަލް

ކޮވިޑަށް ފަރުވާ ދެވޭވަރަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކުރި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ތައްޔާރުވެއްޖެ އެވެ.

މިއީ ކޮވިޑަށް ފަރުވާ ދޭން ރާއްޖޭގެ ފަސް ސަރަހައްދެގައި ގާއިމްކުރާ މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން ފެސިލިޓީއެކެވެ.

އެ ފެސިލިޓީ ހާއްސަ ކޮށްފައިވަނީ މ.ފ.ދ.ތ. އަދި ލ. އަތޮޅުގެ ރައްޔިތުން ކޮވިޑަށް ފަރުވާ ދިނުމަށެެވެ.

ގަން ރީޖަނަލް ކޮވިޑްގެ ފެސިލިޓީގައި އައިސީޔޫއަށް 20 އެނދު ހާއްސަ ކޮށްފައިވާއިރު އައިސޮލޭޝަނަށް 15 އެނދު އަދި ކަރަންޓީނު ފެސިލިޓީއަށް 12 އެނދު ހިމެނެ އެވެ.

"ދެ މީހަކު ކަރަންޓީނު ފެސިލިޓީގައި ބަހައްޓައިވެސް ފިން. އެކަމަކު ދެ މީހުންވެސް ނެގެޓިވް. މިހާރު ކޮވިޑްގެ ކޭސްއެއް ފެނިއްޖިއްޔާ ހަމަ ވަގުތުން ފަރުވާ ދޭން ފެށޭނެ. މިހާރު އެކަމަށް ސްޓާފުންވެސް ތަމްރީން ކޮށްފައި ތިބީ." ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖާ އޮފް ހެލްތު ސާވިސާސް އަލީ ނަޝީދު "ސަން" އަށް ވިދާޅުވި އެވެ.

ކޮވިޑަށް ޓެސްޓްކުރަން އެ ހޮސްޕިޓަލްގައި ވަކި ލެބޯޓްރީއެއް ގާއިމްކޮށް ޖީން އެކްސްޕާޓް މެޝިނެއް ވަނީ ބަހައްޓައިފަ އެެވެ. އެ މެޝިނުން ދުވާލަކު 48 ޓެސްޓް ހެދޭނެކަމަށް މެނޭޖަރު ވިދާޅުވި އެވެ.

ޓްރާންސިޓް ދެ ފެސިލިޓީއާއެކު އަތޮޅު ތެރޭގައި ކޮވިޑަށް ފަރުވާ ދެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސި ހަތް ތަން، މި ހަފްތާގެ ތެރޭގައި ހިދުމަތް ދޭން ފެށޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިދިޔަ ބުދަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

އޭގެ ތެރެއިން ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ ރަސްމީކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވައިފަ އެެވެ.

comment ކޮމެންޓް