''ދީނާއި ނޭޝަނަލް އައިޑެންޓިޓީއަށް ނުރައްކާ ގާނޫނެއް ނުހެދޭނެ''

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ އެންމެ މަތީ މަސްލަހަތާ ގުޅިފައިވާ ދީނާއި، ނޭޝަނަލް އައިޑެންޓިޓީއަށް ނުރައްކާވާ ގޮތަށް ގާނޫނު ހެދުމުގެ ބާރު އެއްވެސް ބަޔަކަށް ލިބިފައި ނުވާ ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހާ ގުޅިގެންނެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އެ އިސްލާހަކީ ގައުމުގެ ދީނާއި ނޭޝަނަލް އައިޑެންޓިޓީއަށް ނުރައްކާވާ އިސްލާހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރުގެ އިތުރުންވެސް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އެ އިސްލާހަށް ރައްދުވެފައެވެ.

ރައީސް ނަޝީދު މިގޮތަށް ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވުމުން، އަނބުރާ ކޮމިޓީ އަށް ބިލު ފޮނުއްވަމުންނެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ. އެގޮތުން މިހާރު ރެޒިޑެންސް ވިސާ ދޭ ބޭރުގެ ވިޔަފާރިވެރިންނަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށެް ރެސިޑެންސް ވިސާ ދިނުމަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.

comment ކޮމެންޓް