މުޅި ރާއްޖެއަށް ލީގު ފުޅާ ކުރުން: އެފެންވަރު އެބަހުރިތަ؟!

ތ. އަތޮޅުގެ ޗެމްޕިއަން ތިމަރަފުށިން އައްޑަނަ އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް

"އަޅުގަނޑު ބޭނުންވަނީ 2023/2024 ވަނަ އަހަރުގެ ޕްރިމިއާ ލީގަކީ މުޅި ރާއްޖެ އަށް ހުޅުވާލެވިފައިވާ ޕްރިމިއާ ލީގަކަށް ވުން. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި އަދި އަތޮޅުތަކުގައި މި އޮންނަ އަށް ޒޯނުގެ ތެރެއިން ކޮންމެ ޒޯނަކުން ތަމްސީލުކުރާ އެއް ޓީމު ޕްރިމިއާ ލީގަށް އަންނާނެ،"

ކުރިއަށް އޮތް ދައުރުގައި އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

މި ވާހަކަ އެފްއޭއެމުން މިހާރު ދައްކާތާ ވަރަށް ދުވަސްވެއްޖެ އެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ނެތިފައި އޮތް ފޯރި އާއި، އަތޮޅު ވާދަވެރިކަން ގެނެސް ފުޓުބޯޅަ އަލުން އާ ހަރުފަތަކަށް ގެންދެވޭނީ މިގޮތަށް ކަމަށް ރާއްޖޭގެ ކުޅިވަރުގެ ފުންނާބު އުސް ގިނަ ބަޔަކުވެސް ވަނީ ބުނެފަ އެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް މިނިވަން ޗެމްޕިއަންޝިޕުގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ލީގު ވެސް ކުޅެފި އެވެ.

ތިމަރަފުށިން މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް

އެކަމަކު އޭގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ކުޅުންތެރިންނަށާއި، ޓީމުތަކަށް އަދި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ލިބުނުތޯ އެއީ އުފެދޭ ސުވާލެކެވެ. އެކަމަަކު ހަމަ ގައިމުވެސް އިނގޭ އެއްކަމަކީ އެ މުބާރާތްތަކުން ވިދާލި ބައެއް ކުޅުންތެރިން މިހާރު ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވެސް ފައިތިލަ ސާބިތުކޮށްދީފައިވާ ކެމެވެ.

ދަނޑުތަކުގެ ފެންވަރު ހުންނާނެތަ؟

މުޅި ރާއްޖެއަށް ހުޅުވާލައިގެން ގައުމީ ލީގު ކުޅެން ވިސްނާއިރު އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ ރަށްރަށުގައި އެ ފެންވަރުގެ ދަނޑުތައް ހުންނާނެ ހެއްޔެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފީފާ އެޕްރޫވްޑް 100 ބޮޑު ފުޓުބޯޅަ ދަނޑު ނިންމުމުގެ ވައުދެވެ. މިއީ ސަރުކާރުން ދެއްކި ތޯތޯ ވާހަކައެއް ނޫންކަން މިހާރު ފެންނަން ފަށައިފި އެވެ.

އެގޮތުން ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދާއެކު މިއަހަރު 13 ދަނޑެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. އަދި މިފަހުން ފިނޭންސް މިނިސްޓްރީން ވެސް މި 22 ދަނޑުގެ މަސައްކަތް ކޮންމެސް ފަރާތަކާއި ހަވާލުކުރާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި، އެ ދަނޑުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ކޮންޓްރެކްޓަރުންނާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކޮރެއާ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި އިތުރު 20 ދަނޑެއްގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެފްއޭއެމުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ފޯކައިދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

"އަޅުގަނޑުމެން ވާނީ 20 ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަން ސޮއިކޮށްފައި އިރާދަކުރެއްވިއްޔާ ދަތުރުކުރުމުގެ ހުއްދަތަށް ލިބޭހާ އަވަހަކަށް މި 20 ދަނޑުގެ ސާމާނު ކޮރެއާ އިން އަޅުގަނޑުމެންނަށް ޝިޕް ކުރާނެ. ގާތްގަނޑަކަށް އަޅުގަނޑު އަންދާޒާ މި ކުރަނީ އޮގަސްޓް މަހުގެ ނިޔަލަށް ހުރިހާ ސާމާނެއް ލިބި މަސައްކަތްތައް ފެށިގެންދާނެ ކަމަށް. އެހެންވީމަ ކޮންމެ 30 ދުވަހަކުން ދަނޑެއް ނިންމުމުގެ ވިސްނުމުގައި ކޮރެއާ ޕާޓީ ތިބީ." ބައްސާމް މީގެ ކުރިން ވިދާޅުވެފައި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅާ 100 އެތަކެއް ދަނޑާ އެކު ހަމަގައިމުވެސް ގައުމީ ލީގެއް ކުޅުމަށް ދަނޑުތައް މަދުވެގެން އުޅޭކަށް ނުޖެހޭނެކަން މިހާރު މިއޮތީ ސާފު ވެފަ އެވެ.

ދަތުރުފަތުރުގެ ނިޒާމް އެހާ ތަނަވަސްތަ؟

ދެން އޮތް އެންމެ ބޮޑު ސުވާލަކީ މިގޮތަށް ލީގު ކުޅޭ އިރު ދަތުރުފަތުރުގެ ނިޒާމްގެ ތަނަވަސްކަން ހުރީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ނިމިގެން ދިޔަ ސީޒަން ފެށުމުގެ ކުރިން އެފްއޭއެމް އިން ކުޅުނު ޝެރިޓީ ޝީލްޑް މެޗު އެހެން އަހަރުތަކާ ހިލާފަށް ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ކުރީ ސީޒަނުގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކުލަބާއި، އެ އަހަރުގެ މިނިވަން ޗެމްޕިއަނުގެ ރަނަރަޕް ފޯކައިދޫގެ އެ ކުރިމަތިލުމަށް ޓީސީއިން ފުރަތަމަ ދިޔައީ ށ.ފޯކައިދޫއަށް ފުރަތަމަ ލެގު ކުޅުމަށެވެ.

އެލެގު ނިމުނު ފަހުން މޫސުން ގޯސްވެ ޓީސީ ސްޕޯޓްސް ކުލަބު އެ ރަށުގައި ތާށިވީ އެވެ. އެއާ އެކު ދެވަނަ ލެގު ފަސްކުރަން ޖެހުމާ އެކު ޓީސީއަށް ވެސް ފޯކައިދޫއަށް ވެސް ރަސްމީ ލީގުގައި ކުޅެން އޮތް މެޗުގެ ކުރިން، މެޗަށް ތައްޔާރުވާން ފުރުސަތު ހަނިވި އެވެ. މިކަމަކީ ޖަޒީރާ ރަށްތަކެއްގައި ލީގެއް ކުޅެން ބަލާއިރު އާއްމުކޮށް ވެސް ދިމާވެދާނެ ކަމެކެވެ.

މިނިވަން ޗެމްޕިއަންޝިޕް ނ. އަތޮޅު ބުރުގައި މަނަދުއާއި މާޅެންދޫ ކުޅުނު ފުރަތަމަ ލެގު މެޗުގެ ތެރެއިން: އެ މެޗުން މާޅެންދޫ މޮޅުވީ 3-2ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ މޫސުން އޮންނަ ގޮތަކުން ބައެއް ފަހަރަށް ދަތުރު ކުރުމަކީ އެހާ ރައްކާތެރިގޮތަކަށް ނުވާ އިރު އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީގެ މެޗެއް ކުޅެން އެންމެ އުތުރަށް ދިއުން ފަދަ ކަންކަމަކީ މާލީ ގޮތުން ބަލާއިރު ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެކެވެ. އަދި ގިނަ ފަހަރަށް ފްލައިޓުތަކުގައި ދަތުރު ކުރުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި އިރު ލީގެއް ސްޓޭބަލްކޮށް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމް މިހާރަށް ވުރެން ރަނގަޅުކޮށްގެން ނޫނީ ކުޅެން ދަތި ވާނެ އެވެ.

މުޅި ރާއްޖެ އަށް ލީގު ފުޅާކުރުމުގެ ޕްލޭން އެކުލަވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެފްއޭއެމްގެ ސީނިއާ ނައިބް ރައީސް އަލީ އުމަރާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން އެވެ.

ސުޒޭން ބުނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ލީގު ކުރިއަށް ގެންދިއުމަކީ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުރުން މުޅި ފުޓްބޯޅަ އާއިލާގެ ވެސް ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

"ހަމަ އެކަނި މާލޭގެ ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅެލުމުގެ ބައި މިހާރު ނިންމާލާފައި މުޅި ގައުމަށް ފެތުރިގެންދާން ޖެހިފައި މި އޮތީ. އެ އުއްމީދުތައް ހާސިލްކުރުމަށް ޕްލޭންތަކެއް އެބަހުރި. އޭގައި އަޅުގަނޑުގެ އެހީތެރިކަން ދެވެން ހުރި ހުރިހާ ގޮތަކުން ދެމުން މިދަނީ." ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ބުންޏެވެ.

އޭނާ ބުނީ އަލީ އުމަރު އެންމެ އިސްކޮށް ހުންނަވައިގެން ކުރައްވާ މި މަސައްކަތަށް ފުޓްބޯޅައިގެ ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މީގެ އެންމެ މުހިއްމު އެއް ބަޔަކީ އަތޮޅުތަކުގައި ތިބި ފުޓްބޯޅައިގެ އެންމެ އިސް ފަރާތްތަކުގެ ބައިވެރިވުން ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

comment ކޮމެންޓް