ސެޓިއެންގެ މަގާމާ މެދު އިތުބާރު ގެއްލިއްޖެ

ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން --- ފޮޓޯ//ލައިވްސްކޯ

ބާސެލޯނާއަށް ސްޕެނިޝް ލީގު ގެއްލުމާ އެކު އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެންއަށް އެ މަގާމުގައި ދެމިހުރެވޭނެ ކަމުގެ އިތުބާރު ގެއްލި އަންނަ މަހު ކުޅޭ ޗެމްޕިއަންސް ލީގާއި ހަމައަށް ވެސް ނުހުރެވިދާނެ ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރެއާލް މެޑްރިޑުން ބާކީ އެއް މެޗު އޮއްވައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރި އިރު، އެރޭ ކުޅުނު މެޗުން ބާސެލޯނާ ވަނީ 2-1 އިން އޮސަސޫނާ އަތުން ބަލިވެފަ އެވެ. މިއީ 43 މެޗަށް ފަހު ބާސެލޯނާ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

އެއާ އެކު ބާސެލޯނާ މިހާރު އެ އޮތް ހާލަތުގައި ކުރިއަށްގޮސްގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގު އެ ޓީމަށް ނުހޯދޭނެ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ވަނީ ބުނެފި އެވެ. ޗެމްޕިއަންސް ލީގުގައި ނަޕޯލީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އިޓާލިއަން ކަޕް ކާމިޔާބުކުރި ނަޕޯލީއާ ދެކޮޅަށް ބާސެލޯނާ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.

އެ މެޗަށް ބާސެލޯނާގެ ތައްޔާރީތައް މިހާރު ފަށާފައިވާ އިރު އެ ޓީމުގެ ކޯޗު ސެޓިއެންއަށް ވަނީ ޕްރެޝަރު ބޮޑުވެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ކުރިން އެ ޓީމުގައި ހުރި އާނެސްޓޯ ވަލްވާޑޭ ވަކިކޮށް މި ސީޒަނުގެ ވަކި ހިސާބަކުން ސެޓިއެންއަށް ކޯޗުކަން ހަވާލުކުރުމަށް ފަހު އޭނާ ވަނީ ފުރަތަމަ ކޮޅުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

އެކަމަކު ކޮވިޑްގެ މެދުކެނޑުމަކަށް ފަހު ލީގު އަލުން ފެށި އިރު ބާސެލީނޯ ކުޅުނު ދިހަ މެޗުގެ ތެރެއިން މޮޅު ލިބުނީ ހަ މެޗުންނެވެ. އެއާ އެކު އެ ޓީމުގެ ފަހަތުގައި އޮތް މެޑްރިޑުން ފަހަތުން އަރައި އެއްވަނައަށް އެރީ އެ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

"އަހަރެންގެ ޒިންމާ މިކަމުގައި ބޮޑު، އެކަމަކު ޗެމްޕިއަންސް ލީގަކީ މުޅިން ތަފާތު ލީގެއް. މެސީ ދެއްކި ބައެއް ވާހަކަތަކަށް އަހަރެން ތާއީދު. އެކަމަކު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ތަފާތު ދައްކާނެ،" ސެޓިއެން ބުންޏެވެ.

ސެޓިއެން ބުނީ، ޗެމްޕިއަންސް ލީގާއި ބާސެލޯނާ ކުރިމަތި ލާނީ މުޅިން ތަފާތު ރޫހެއްގައި ކަމަށާއި، ޓީމުގެ ފޯކަސް މިހާރު ހުރީ އެ މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ.

"އެކަމަކު އަހަރެންނަށް މިހާރު މިއޮތް ގޮތުން ޔަގީންކަމެއް ނެތް ޗެމްޕިއަންސް ލީގާއި ހަމައަށް ވެސް މަގާމުގައި ހުރެވިދާނެ ކަމުގެ. ހުރިހާ ކޮންޓްރޯލެއް އޮތީ ބާސެލޯނާގެ އަތުގައި، ގޮތެއް ނިމެންދެން ހަމަ މިހާރު މިހުރި ގޮތަށް ބާސެލޯނާއަށް ހިދުމަތް ކޮށްދިނުމުގައި ދެމިހުންނާނަން."

ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ބާސެލޯނާ އަށް ނުހޯދިއްޖެނަމަ މި ސީޒަން ވެގެންދާނީ 12 އަހަރަށް ފަހު ބާސެލޯނާ ހުސްއަތާ ނިންމާލާ ފުރަތަމަ ސީޒަނަށެވެ.

comment ކޮމެންޓް