ޝާހް ގެއްލުނުތާ 24 ގަޑިއިރު، އަދިވެސް ނުފެނޭ

މަންދޫ މީހާ ހޯދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލެ އިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި ދޯންޏެއްގައި ހުރި މީހަކު ގެއްލުމުން، އޭނާ ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން މެދުކަނޑާނުލާ ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ގެއްލިގެން ހޯދަމުންދާ ޒުވާނާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަ ނަމަވެސް، އޭނާ ފެނިފައި ނުވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ހުކުރު ވިލޭރޭ މާލެއިން ފުރައިގެން މަންދޫއަށް ދަތުރުކުރި "ރަންތަރި" ނަމަކަށް ކިޔާ ދޯނީގައި ހުރި އެ ރަށު ރަތްވިލާގެ އުމުރުން 27 އަހަރުގެ އަލީ ޝާހް ނަމަކަށް ކިޔާ މީހެެކެވެ.

އޭނާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ހުކުރު ވިލޭރޭ ދަންވަރު 2:10 ހާއިރު އެވެ. މަންދޫ ނެރުން ދޯނި ވަތް އިރު ވެސް އޭނާ ދޯނީގައި ހުރި ކަމަށް ކައްޕިއާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ ފާލަމާއި ކައިރި ކުރިއިރު އޭނާ ދޯނީގައި ނެތުމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ހިނގާފައިވަނީ ދަންވަރު 1:00 އެހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ގެއްލުނު މީހާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖީންސެއްކަމަށް ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ. އެ މީހާ ހޯދުމަށް ސިފައިންގެ ޑައިވަރުން މިހާރު އަންނަނީ އެ ސަރަހައްދަށް ޑައިވް ކުރަމުންނެވެ.

އެ މަސައްކަތުގައި މަންދޫ ރައްޔިތުންނާއި އެ އަތޮޅު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި އޭނާ މާލެ އިން މަންދޫއަށް ދަތުރުކޮށްފައިވަނީ ހޯމް ކަރަންޓީނު ވުމަށެވެ.

comment ކޮމެންޓް