ވިލިމާލޭ ޒުވާނުންގެ ހިތްވަރުން ވެލައެއް ސަލާމަތްކޮށް ރީހެބަށް

ވިލިމާލޭގެ ޑައިވަރުން ތަކެއް ސަލާމަތްކޮށްފައިވާ ވެލާ --- ފޮޓޯ : އީޕީއޭ

ވިލިމާލޭގައި ހުންނަ ޑައިވާސް ލޮޖްގެ ޑައިވަރުންތަކެއް، އަނިޔާވެފައިވާ ވެލާއެއް ސަލާމަތްކޮށްފި އެވެ.

ވިލިމާލޭ ކަނޑުގެ ސަރަހައްދުން އަނިޔާވެފައިވާ ވެލައެއް، ޒުވާން ޑައިވަރުންނަށް ފެނިފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ބުނެފައިވަނީ އަނިޔާވެފައިވަނީ ހޯކްސްބިލް ވެލައަކަށް ކަމަށެވެ.

ވިލިމާލޭގެ ޑައިވަރުން ތަކެއް ސަލާމަތްކޮށްފައިވާ ވެލާ ރީހެބިލިޓޭޝަން ސެންޓަރަށް ގެންދަނީ --- ފޮޓޯ : އީޕީއޭ

އެ ވެލާ ސަލާމަތްކޮށްގެން ގެންދިޔުމަށްފަހު އެ ވެލާ ވަނީ މިހާރު ފޯ ސީޒަންސް މޯލްޑިވްސްގެ މެރީން ކޮންޒަވޭޝަން ސެންޓަރާ ހަވާލުކޮށްފަ އެވެ. ފޯ ސީޒަންސްގައި ހުންނަ މެރީން ކޮންޒަވޭޝަން ސެންޓަރަކީ އަނިޔާވެފައިވާ ވެލާތައް ސަލާމަތްކުރުމުގެ އިތުރުން ރީފްސްކޭޕްކުރުމާއި މެންޓާ ރޭ ފަދަ ތަކެތި ހިމާޔަތްކުރުމުގެ މަސައްކަތް ކުރާ ތަނެކެވެ.

އެގޮތުން ވެލާ ފަދަ ތަކެތި ރީހެބިލިޓޭޓު ކުރާ އެ ސެންޓަރުން މިހާރު ދަނީ އެ ވެލާއަށް ފަރުވާ ދެމުން ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.

އަނިޔާވެފައިވާ ވެލާގެ އަނގައިގެ ތެރޭގައި ތާރު ގުޅައެއް އަދި ބުޅިއެއް އެޅި ތާށިވެފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. އެހެންނަމަވެސް މެރީން ސޭވާސްގެ ވެޓްރިނަރީ ސާޖަންއެއް ވަނީ އެތަކެތި ނަގާފައި ކަމަށްވެސް އީޕީއޭއިން ބުނެފައިވެ އެވެ.

އީޕީއޭއިން ވަނީ ޑައިވާސް ލޮޖްގެ ޑައިވަރުންގެ މަސައްކަތައް ޝުކުރު އަދާކޮށްފަ އެވެ. އަދި އީޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެފަރާތްތަކުން ވެލާ މަސައްކަތްކޮށްފައިވާ ކަމަށް އީޕީއޭއިން ފާހަގަކޮށްފައިވެ އެވެ. ވެލާ، ފޯ ސީޒަންސްއަށް ގެންދިޔުމުގައި މެރިން ޕޮލިހުން ކޮށްދީފައިވާ މަސައްކަތައްވެސް ވަނީ އީޕީއޭއިން ޝުކުރު އަދާކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް