މިރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖު ކައިރިއަށް އަނެއްކާ ވެސް ވެލައެއް އަރައިފިއެވެ.
އެ ސަރަހައްދަށް ވެލާ އެރުމާ ގުޅިގެން ފުލުހުން އެ ސަރަހައްދު ބަންދުކޮށް ހަރަކާތްތެރިވިއެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ސަން" ވިދާޅުވީ ދިރޭއެއްޗިއްސާމެދު އަމަލުކުރާ އުސޫލުގެ ތެރެއިން އެ ވެލާގައި އަތްނުލުމަށާއި، އެއާ ގާތްނުވުމަތް ފުލުހުންނަށާއި އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާނެކަމަށެވެ.
ނައީމް ވިދާޅުވީ އެ ވެލާ މާލެ އެރީ ބިސްއަޅަންކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ ވެލާ ކޮނެފައި އޮތް ވަޅަށް ރާޅުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކުރަމުންދާތީ ވެލާ މާލެއިން ފައިބަން އުޅޭހެން ހީވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވެލާ ބިސްއަޅަން މި އަރަނީ ރާޅުގެ އަސަރު ނުކުރާ ހިސާބަށް. އެހެންނަމަވެސް އެ ވެލާ އެރި ސަރަހައްދަށް ރާޅު އެބަޖަހާ ކޮންމެވެސް ވަރަކަށް. އޭތީގެ ހަރަކާތް ހުރި ގޮތުން ހީވަނީ ފައިބަން އުޅޭހެން," ނައީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ވެލާގެ ސައިޒާއި ހަރަކާތްތަކަށް ބަލާއިރު މިދިޔަ މަހުގެ ފަހުކޮޅު މާލެއަށް އެރި ވެލައާ ވަރަށް ބޮޑަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ އެ ސަރަހައްދަށް ވެލައެއް އަރާފައެެވެ.
ފުލުހުންތަކެއް އެ ވެލާ ފަސްގަނޑު ތެރެއިން ނަގާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އޭރު ވަރަށް ބޮޑަށް ދައުރުވެފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ވެލާ މާލެ އެރުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔަކަމަށެވެ. އަދި ވެލާ އޮތް ވަޅުން ނަގައި ބޭއްވުމުން ވެލާ މާލެއިން ފޭބީ އަމިއްލައަށް ކަމަށް ފުލުހުން ބުނެއެވެ.