މިއަހަރުގެ ޅަވިޔަނި ޓާޓަލްފެސްޓިވަލް މިއަދު ފަށައިފި

ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ޅަވިޔަނި ޓާޓަލް ފެސްޓިވަލް 2023 ފެށުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ

ދުނިޔެއިން ނެތިގެންދާނެކަމުގެ ބިރު ހީވެފައިވާ ވެލާ އާއި ކަހަނބާ ބެހޭ ގޮތުން ހޭލުންތެރި ކުރުމަށް, ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ޅަވިޔަނި ޓާޓަލް ފެސްޓިވަލް 2023 މިއަދު ޅ. ނައިފަރުގައި ފަށައިފިއެވެ.

މި ފެސްޓިވަލްއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނައިފަރުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނައިފަރު ޖުވެނައިލްއިން ކުރިއަށްގެންދާ ހަރަކާތެކެވެ.

ނައިފަރު ޖުވެނައިލްގެ ވައިސް ޗެއާޕާސަން މުހައްމަދު އަހުމަދުފުޅު "ސަން"އަށް ވިދާޅުވީ، މިއީ ތިމާވެއްޓާ ގުޅޭ ވަރަށް ގިނަ މައްސަލަތަކަކާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

"މި ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ތެރެއިން ޚާއްސަކޮށް ވެލާ، ކަހަނބުގެ ކަންކަމާއި، ކުނި ބުނީގެ މައްސަލަތަކާއި، ކަނޑުގެ އެކި ދިރުންތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމާއި، ތިމާވެށީގެ އެކި އެކި މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ބަަަދަލުކުރެވި، މަޝްވަރާކުރެވޭނޭ އެކަޝީގެންވާ ޕްލެޓްފޯމެއް ގާއިމް ކުރުން،" އޭނާ ވިދާޅުވިއެވެ.

ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ޅަވިޔަނި ޓާޓަލް ފެސްޓިވަލް 2023 ފެށުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ

މިއަހަރުގެ މި ފެސްޓިވަލްގައި، 30އަށް ވުރެ ގިނަ ސްޓޯލްތައް ހަދާފައިވާ އިރު އޭގެ ތެރޭގައި ގިނައީ ސްކޫލްތަކުން ހަދާފައިވާ ސްޓޯލްތަކެވެ. އޭގެ ތެރޭގައި ޅ. އަތޮޅުގެ ދެ ސްކޫލަކާއި، ނ. އަތޮޅުގެ ސްކޫލަކާއި، ރ އަތޮޅުގެ ސްކޫލެއްގެ އިތުރުން ބ. އަތޮޅުގެ ދެ ސްކޫލެއް ހިމެނެއެވެ.

މީގެ އިތުރުން ނައިފަރުގެ އެކިއެކި މުއައްސަސާތަކާއި، ރާއްޖޭގެ އެންޖީއޯތަކުގެ އިތުރުން ބޭރުގެ އެންޖީއޯ ތަކުންވެސް ވަނީ މި ފެސްޓިވަލްގައި ބައިވެރިވެފައެވެ.

އެ ފެސްޓިވަލް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެކި ސްކޫލުތަކުގެ ހަރަކާތްތައް ސްޓޭޖުމަތިން ދައްކާލާފައިވެއެވެ.

އެ ރަސްމިއްޔާތުގައި މުހައްމަދު ވިދާޅުވީ މި ފެސްޓިވަލް އަންނަ އަހަރު ވެސް ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި އުއްމީދު ކުރަނީ 2024 ވަނަ އަހަރުގެ ފެސްޓިވަލަކީ މިއަށްވުރެ ބޮޑުކޮށް މިއަށް ވުރެ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ފެސްޓިވަލެއް ކަމަށް. އަޅުގަނޑުމެންގެ 2024 ވަނަ އަހަރުގެ ފެސްޓިވަލް 2024 ސެޕްޓެމްބަރު މަހު ބޭއްވުމަށް މިހާރު ވަނީ ކަނޑައަޅާފަ،" އޭނާ ވިދާޅުވިއެވެ.

ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ޅަވިޔަނި ޓާޓަލް ފެސްޓިވަލް 2023 ފެށުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ

މިއަހަރުގެ ފެސްޓިވަލްގައި ޓައިޓްލް ސްޕޮންސާއަކީ ދަ ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއާ އެވެ. މެއިން ސްޕޮންސާއަކީ ކޯރާ ކޯރާ މޯލްޑިވްސް އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ. ކޯސްޕޮންސަރުންގެ ތެރޭގައި ކުރެއްދޫ ރިސޯޓް އާއި ސޮނޭވާ ހިމެނެއެވެ. އަދި ކޯ ސްޕޮންސާ ޕްލަސްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް އާއި ސަޕޯޓިން ޕާޓްނަރުގެ ގޮތުގައި ނައިފަރު ކައުންސިލްގެ އިދާރާ ބައިވެރިވެއެވެ.

މި ފެސްޓިވަލްގެ މީޑިއާ ޕާޓްނަރުންނަކީ އެސްއެސްޓީވީ، އެސްއެސްނެޓް އަދި ސަން އޮންލައިން އެވެ.

ޓާޓަލް ފެސްޓިވަލްއާ ގުޅުވައި އިއްޔެ ވަނީ "ފަސްޓް އެޓޯލް މެރިން ސިމްޕޯސިއަމް" ވެސް ބާއްވާފައެވެ. މި ސިމްޕޯސިއަމް ކުރިއަށް ދިޔައީ އިއްޔެ މެންދުރުން ފެށިގެން ރޭގަނޑާ ހަމައަށެވެ.

މުހައްމަދު ވިދާޅުވީ އެ ސިމްޕޯސިއަމްގެ އެންމެ ބޮޑު ބޭނުމަކީ ތިމާވެއްޓާ ގުޅޭގޮތުން ވާހަކަދައްކާ އެކަކު އަނެކަކުގެ މެދުގައި ޚިޔާލު ބަދަލު ކުރުން ކަމަށެވެ.

ނައިފަރު ޖުވެނައިލް އުފައްދާފައި ވަނީ އޮކްޓޯބަރު 31، 2000ގައެވެ. އެ ޖަމިއްޔާއިން ވަނީ ޒުވާނުންގެ ހަރަކާތްތައް ރާވާ ހިންގާ އެންމެ ހަރަކާތްތެރި ޖަމިއްޔާގެ އެވޯޑު 2008 ވަނަ އަހަރު ހޯދާފައެވެ. އަދި އިޖުތިމާއީ ޚިދުމަތުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް 2017 ވަނަ އަހަރު އެ ޖަމިއްޔާއިން ހޯދާފައިވާއިރު މި އަހަރު އެ ޖަމިއްޔާއަށް އިތުރު ދެ އެވޯޑެއް ލިބިފައިވެއެވެ. އެއީ ތިމާވެށީގެ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯޑާއި، ސައުތު އޭޝިއަން ކްލައިމެޓް ކޮންފަރެންސްގައި "އެވަރެންސްޓް ކްލައިމެޓް އެކްޝަން އެވޯޑް 2023" އެވެ.

comment ކޮމެންޓް