މަޝްހޫރު އެތައް ބައެއްގެ ޓްވިޓާ އެކައުންޓްތައް ހެކްކޮށްފި

ހެކަރުންގެ އަމާޒަކަށްވި އެކައުންޓުތަކުގެ ތެރޭގައި އީލަން މަސްކް، ކާންޔޭ ވެސްޓް، ބަރަކް އޮބާމާ އަދި ބިލް ގޭޓްސްގެ އެކައުންޓުތައް ހިމެނޭ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖުލައި 16): ޓުވިޓާގައި އެތައް މިލިއަން ފޮލޯވަރުން ތިބޭ އެމެރިކާގެ ބައެއް މަޝްހޫރު ޝަހުސިއްޔަތުންނާއި ކުންފުނިތަކުގެ އެކައުންޓުތައް އިއްޔެ ހެކްކޮށްފި އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި ބަޔަކު ހެކް ކުރި އެކައުންޓުތަކުގެ ތެރޭގައި ބިލިއަނަރުން އީލަން މަސްކް، ޖެފް ބޭޒޯސް އަދި ބިލް ގޭޓްސްގެ އެކައުންޓުތައް ހިމެނެ އެވެ. އަދި ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ އިތުރުން ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ އެކައުންޓުވެސް ހިމެނެ އެވެ.

މީގެ އިތުރުން އެ ހެކަރުންގެ އަމާޒަކަށް އެޕަލް އާއި އޫބާ ކުންފުނީގެ ރަސްމީ އެކައުންޓުތައްވެސް ވެގެންދިޔަ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ނައިބު ރައީސް ޖޯ ބައިޑެންގެ އެކައުންޓުތަކުން ހެކަރުން ކުރި ޓުވީޓުތައް --

އެ އެކައުންޓުތައް ހެކްކޮށްފައި ވަނިކޮށް އޭގެއިން ކުރި ޓްވީޓުތަކުގައި ވަނީ ބިޓްކޮއިން ވޮލެޓް އެޑްރެހެއް ދިނުމަށް ފަހު، އެ އެޑްރެހަށް ފައިސާ ފޮނުވަން ބުނެފަ އެވެ. އަދި އެ ފޮނުވާ މިންވަރެއްގެ ދެ ގުނަ އަނބުރާ ދޭނެ ކަމަށް ބުނެފަ އެވެ.

އޭގެއިން ކޮންމެ ޓުވީޓެއް ވެސް ކުޑަ ވަގުތުކޮޅެއް ތެރޭ ޑިލިޓު ކުރި ނަމަވެސް، ރިޕޯޓުތަކުގައިވާ ގޮތުން އެ އެޑްރެހަށް ބައެއް މީހުން ވަނީ ފައިސާ ފޮނުވާފަ އެވެ. އަދި އެ އެޑްރެހުގައި މިހާރު ހުރި ބިޓްކޮއިންގެ އަގު މިހާރު ވަނީ 116،000 ޑޮލަރަށް އަރާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ އެކައުންޓުތައް ހެކް ކުރުމާ ގުޅިގެން، ޓްވިޓާގެ ވެރިފައިޑް އެކައުންޓުތަކުން ކުޑަ ވަގުތުކޮޅަށް ޓްވީޓް ނުކުރެވޭ ގޮތް އެ ކުންފުނިން އިއްޔެ ހެދި އެވެ. އެއީ ޓްވިޓާގެ ތާރީހުގައިވެސް އެފަދައިން އަމަލު ކުރި ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން ރޭގެ ވަގުތުއްގައި ވެރިފައިޑް އެކައުންޓުތަކަށް އަނެއްކާވެސް ޓްވީޓް ކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.

ޓްވިޓާއިން ވަނީ އެއީ އެ ޕްލެޓްފޯމްގެ "އިންޓާނަލް ސިސްޓަމްތަކަށް" ވަދެވޭ މުވައްޒަފުންގެ އެކްސެސް އަތުލައިގެން ބަޔަކު ކުރި ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެ ކުންފުނިން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެފަދަ އިންޓާނަލް ސިސްޓަމްތަކަށް ވަދެވޭ މިންވަރު ކުޑަ ކުރަން ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް