100 ޕޮއިންޓްގެ ރެކޯޑަށް ލިވަޕޫލް ކުރި އުންމީދު ފެނަށް!

ރޭގެ މެޗްގައި ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ/ލައިވްސްކޯ

އާސެނަލް އަތުން ބަލިވެ ޗެމްޕިއަން ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި 100 ޕޮއިންޓް ހޯދުމުގެ ރެކޯޑް ގާއިމްކުރަން އޮތް ފުރުސަތު ގެއްލިއްޖެ އެވެ.

އާސެނަލުގެ އެމިރޭޓްސްގައި ކުޅުނު އެ މެޗުން މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ ލިވަޕޫލުގެ މައްޗަށް ކުރި ހޯދީ 1-2ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވި ނަމަވެސް ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 93 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ރޭ ވަނީ 2-1 އިން ބޯންމައުތު ބަލިކޮށްފަ އެވެ. ސިޓީ އަށް 36 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ.

ފަސް އަހަރުތެރޭ ލީގުގައި ލިވަޕޫލްގެ މައްޗަށް އާސެނަލުން ހޯދި ފުރަތަމަ މޮޅާ އެކު އެ ޓީމު އޮތީ ނުވަ ވަނައިގަ އެވެ. އެއީ 36 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލަށް ބާކީ އޮތް ދެ މެޗުން މޮޅުވެގެން ތާވަލުގެ ހަ ވަނައަށް އަރައި ޔޫރޮޕުގެ ޖާގައެއް ހޯދުމުގެ ހަނި ފުރުސަތެއް އެބައޮތެވެ. އެކަމަކު އާސެނަލް އެ މެޗުތަކުން މޮޅުވިޔަސް މިވަގުތު އަށްވަނައާއި، ހަތްވަނަ އަދި ހަވަނައިގެ މަގާމުތަކުގައި ތިބި ޓީމުތަކުން ބާކީ މެޗުތަކުން މޮޅުވެއްޖެ ނަމަ އެ ފުރުސަތު ގެއްލޭނެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު އެންޑްރީ ރޮބާޓްސަން ހޯދައި ދިން ފުރުސަތެއްގައި ސާޑިއޯ މާނޭ ކާމިޔާބުކޮށް، ސިޓީން 100 ޕޮއިންޓްގެ ރިކޯޑާ އެއްވަރު ކުރުމުގެ ފުރުސަތު ބޮޑު ކުރި އެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންޑަރު ވެން ޑައިކް ފަހަތަށް ޖެހި ޕާހެއް، އާސެނަލްގެ ފޯވާޑް އެލެކްސެންޑްރާ ލަކަޒެޓް ހޯދައިގެން ގޯލަށް ޖަހާ މެޗުގެ ނަތީޖާ ވަނީ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނިކޮށް ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާސެނަލްއިން ވަނީ އަނެއްކާވެސް ލަނޑެއްޖަހައި މެޗްގެ ލީޑް ނަގައިފަ އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން ލަކަޒެޓްގެ އެހީތެރި ކަމާއި އެކު ރެއިސް ނެލްސަން އެވެ.

އެ މެޗުން ބަލިވުމުން ލިވަޕޫލަށް މާބޮޑު އެއްޗެއް ގެއްލިގެން ނުދިޔަ ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ރެކޯޑް ގާއިމްކުރަން އޮތް ފުރުސަތު ވަނީ އެ ޓީމަށް މި ސީޒަނުގައި ގެއްލިފަ އެވެ.ދެން އޮތް ދެ މެޗުން މޮޅުވެގެން ވެސް ލިވަޕޫލަށް ހަމަކުރެވޭނީ 99 ޕޮއިންޓެވެ.

ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓާ އެކު ލީގު ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ ސިޓީ އަތުގަ އެވެ. އެ ޓީމުން މީގެ ދެ އަހަރު ކުރިން ޕްރިމިއާ ލީގު ކާމިޔާބުކުރީ 100 ޕޮއިންޓް ހަމަކޮށްގެންނެވެ.

comment ކޮމެންޓް