މާބައިދޫ ނެރު ހެދުމުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިއްޖެ

ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ ނެރު ހެދުމުގެ މި މަޝްރޫއުގެ ދަށުން ކުރިން ކަނޑާފައި އިން ނެރު ބެއްދުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ބްރޭކްވޯޓާ ހެދުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިންމައި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި، 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މާޖް ބްރޭކްވޯޓާ ލުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝަރޫއުގެ އަގަކީ 16.4 މިލިއަން ރުފިޔާއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނީ މަޝްރޫއު މުޅިން ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަމަށެވެ.

comment ކޮމެންޓް