ނޫސްވެރިޔާ ރާއިއާއަށް ޖިންސީ "ފުރައްސާރަކުރި" މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ގޮވާލައިފި

ދި އެޑުޝަންގެ އެޑިޓަރު ރާއިއާ މުނައްވަރު -- ފޮޓޯ: ދި އެޑިޝަން

"ދި އެޑިޝަން"ގެ އެޑިޓަރު ރާއިއާ މުނައްވަރަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށާއި އެކަށީގެންވާ ފިޔަވަޅު އެކަމުގައި އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއިއާ އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއިލް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެ ނޫހާއި އޭނާގެ ފަރާތުން ކަމާ ބެހޭ އިދާރާތަކަށް އެކަން ހިނގި ދުވަސްވަރު، ހުށަހަޅާފައި ވީ ނަމަވެސް މިއަދާ ހަމައަށް އެއްވެސް ފޔަވަޅެއް އަޅާފައި ނުވާ ކަމަށް ރާއިއާ ހާމަ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަތައް ހުށަހެޅި ފަހުން 18 މަސް ވީ އިރު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ރާއިއާ ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުގެ އިސް މަގާމެއްގައި ހުރި ފަރާތެއްގެ ކިބައިން ދިވެހި އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވެމުން ދިޔަ ނަމަވެސް، މުއައްސަސާތަކުން އެ މައްސަލަ ބަލައި އެކަމުގެ ހަގީގަތް ހާމަނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔުމަކީ ނޫސްވެރިންގެ ހައްގުތަކާއި މިނިވަން މީޑިއާއެއް ރާއްޖޭގައި ގާއިމް ކުރުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ މީޑިއާ ކައުންސިލުން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަަމަށް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިޑިއާ ކައުންސިލުން ބުނީ ޒަމާނުއްސުރެ ރާއްޖޭގެ މުޖުތަމައުގައި އަށަގެންފައިވާ ގޮންޖެހުންތަކާއި ހުރަސްތަކާ ހުރެ ރާއްޖޭގެ މީޑިއާއާއި ނޫސްވެރިކަމުގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު ނިސްބަތުން މަދު ކަމަށާއި، ދާއިރާއަށް ނިކުންނަން އަންހެނުން ފަސް ޖެހުމުގެ ސަގާފަތެއް އެބައޮތް ކަމަށެވެ.

"މިފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިކަމާއި މީޑިއާގެ ދާއިރާއަށް އަންހެނުން ނުކުތުމަށް މިހާރަށް ވުރެ ބޮޑަށް ފަސްޖެހި، މިފަދަ ކަންކަމުގެ ސަބަބުން ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބުމަށް އިތުރު ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަން މި ކައުންސިލުން ފާހަގަ ކުރަމެވެ." މީޑިއާ ކައުންސިލުން ބުންޏެވެ.

އެމްއެމްސީ އިން ވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މައްޗަށް ކުރެވޭ ތުހުމަތުތައް އިންސާފުވެރިކަމާއި ދެފުށްފެންނަ ގޮތެއްގެ މަތިން ވީހާވެސް އަވަހަކަށް ތަހުގީގުކޮށް މައްސަލައިގެ ހަގީގަތް ހާމަކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް ގޮވާލައިފަ އެވެ. އަދި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވީ ކަމަށް ބުނާ ނޫސްވެރިޔާ ރާއިއާއަށް ކަމާ ގުޅޭ އިދާރާތަކުން ފޯރުކޮށްދޭން ޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، މި މައްސަލައިގައި އިންސާފު ގާއިމްކޮށް ދިނުމަށް ވެސް އެމްއެމްސީން ވަނީ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، މީޑިއާގައި ހަރަކާތްތެރިވާ އަންހެން މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށް ދިނުމަށް މީޑިއާ އެޖެންސީތަކުގެ މެނޭޖްމަންޓުން ވީ އެންމެ ބޮޑަކަށް މަސައްކަތްކޮށް ދިނުމަށް އެ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.

ނޫސްވެރިންނާއި މިނިވަން މީޑިއާއަށް އުނިކަން އަންނާނެ މިފަދަ ކޮންމެ ކަމެއްގައި އެމްއެމްސީ އިން ދިވެހި ނޫސްވެރިންނާއި މީޑިއާތަކާ އެކު ތިބޭނެ ކަމުގެ ޔަގީންކަން ދޭކަން ފާހަގަ ކުރަމުން އެމްއެމްސީއިން ބުނީ، މީޑިއާގައި ހަރަކާތްތެރިވާ އަންހެން ނޫސްވެރިންނާއި އަންހެން މުވައްޒަފުން ކުރާ މަސައްކަތް ފާހަގަކޮށް މި ދާއިރާގައި ދެމި ތިބުމަށް ކައުންސިލުން ހިތްވަރުދޭ ކަމަށެވެ.

ރާއިއާ އަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އެމްއެމްސީ އިން ގޮވާލިއިރު، ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިންވެސް ވަނީ އެ މައްސަލާގައި އަވަސް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

މި މައްސަލާގައި ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިން ބުނެފައިވަނީ ރާއިއާގެ ތުހުމަތު ތަަކީ ސީރިއަސް ތުހުމަތު ތަކެއް ކަމަށާއި، ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ މަގާމުން ދުރުކޮށް އެ މައްސަލައިގެ ތަހުގީގު ކުރިއަސް ގެންދިޔުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށާއި ނޫސްވެރިންނަށް ފުރުސަތު އޮންނާނެ ކަމަށް ބެލެވުނު ކަމަށާއި އެ މަންޒަރު ފެނިގެން ނުދާ ކަމަށްވެސް ބުނެފައިވެ އެވެ.

ރާއިއާ ތުހުމަތު ކުރައްވާފައިވަނީ ހަސަން، އޭނާ އަށް ހަށި ގަންނަން ރިޝްވަތު ހުށަހަޅައި، ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ. އެ މައްސަލަ ފުލުހުންނަށާއި އޭސީސީ އަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ފުލުހުން ވެސް މިފަހުން ވަނީ އެ މައްސަލަ ބަލާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް