ޕޮޒިޓިވްވި ރެހެންދި ސްކޫލް ކުދިންނާއި ޓީޗަރު ސްކޫލަކަށް ނުދޭ

ހުޅުމާލެ ރެހެންދި ސްކޫލް

ހުޅުމާލޭ ރެހެންދި ސްކޫލުގެ ދެ ދަރިވަރަކާއި ދެ ޓީޗަރުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، ސްކޫލު ބަންދުކުރި ފަހުން އެ ދަރިވަރުންނާއި އެއް ޓީޗަރަކު އެއްވެސް ގޮތަކަށް ސްކޫލަށް ގޮސްފައިނުވާކަން "ސަން" އަށް އެނގިއްޖެ އެވެ.

ރެހެންދި ސްކޫލުގެ ދެ ދަރިވަރަކާއި ދެ ޓީޗަރަކު ޕޮޒިޓިވްކަން އެނގުނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އެމީހުން ޕޮޒިޓިވްވެފައި ވަނީ ސްކޫލު ތެރެއިން ނޫންކަން ވަނީ ކަށަވަރުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި ދެ ދަރިވަރުންނަކީ ދަށް ގްރޭޑްތަކުގެ ދެ ކުދިންނެވެ. އެހެންކަމުން އެ ކުދިން އަދި ސްކޫލަށް ދާން ނުފަށަ އެވެ.

މީގެ އިތުރުން ޕޮޒިޓިވްވި އެއް ޓީޗަރަކީ ޕްރީސްކޫލުގެ ޓިޗަރެއްކަން ވަނީ އެނގިފަ އެވެ. ޕްރީސްކޫލުގެ ކިޔެވުން ކުރިއަށް ނުދާތީ އެ ޓީޗަރު ވެސް އެއްވެސް ގޮތަކަށް ސްކޫލަށް ގޮސްފައެއް ނުވެ އެވެ.

"ސަން" އަށް އެނގިފައިިވާ ގޮތުގައި ދެވަނަ އަށް ޕޮޒިޓިވްވި ޓީޗަރަކީ ރެހެންދި ސްކޫލުގެ ގްރޭޑު ހަތަކަށް ކިޔަވައިދޭ ޓީޗަރެކެވެ. އެ ޓީޗަރު ސްކޫލަށް ގޮސްފައި ވީނަމަވެސް، ގްރޭޑް ހަތެއްގެ ކިޔެވުން ކުރިއަށް ނުދާތީ، އެއްވެސް ދަރިވަރަކާ ކޮންޓެކްޓް ނުވާކަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި ޓީޗަރުންނާ ދަރިވަރުން ވެސް ބައްޔަށް ޕޮޒިޓިވްވީ އެމީހުންގެ އާއިލާގެ ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ.

ކޮވިޑް ފެތުރޭތީ މާޗް މަހު ސްކޫލްތައް ބަންދުކުރުމަށް ފަހު ސްކޫލްތަކުގެ ކިޔެވުން އަލުން ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި މާލޭގައި ކިޔެވުން ފެށީ ނުޔަކުން ފެށިގެން މަތީގެ ގްރޭޑުތަކަށެވެ.

ސްކޫލުތަކުގެ ކިޔެވުން އަލުން ފެށީ ކޮވިޑް19 އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ. އެގޮތުން އަތްދޮވެވޭނެ އިންތިޒާމާއި، ހުން ބެލުމާއި، ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ނިޝާންތައް ވަނީ ކުރަހައިފަ އެވެ.

މީގެއިތުރުން ކުދިންނާއި ޓީޗަރުން ސްކޫލުގައި އުޅޭއިރު މާސްކަ އަޅަން ޖެހޭގޮތަށް ވެސް ވަނީ އުސޫލު އެކުލަވާލައިފަ އެވެ.

comment ކޮމެންޓް