ތެދުވެރިކަމާއި އިޚްލާސްތެރިކަން ނެތިއްޔާ މަގާމެއްގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ރެހެންދި ސްކޫލްގެ ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ސްކޫލް ދަރުވަރުންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ހުވައެއް ކުރުމަށް ފަހު މަގާމަކާ ހަވާލުވާއިރު އެ މީހެއްގެ ބޮލުގައި އެ އެޅެނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެވޭނީ އެމީހެއްގެ ކިބައިގައި ތެދުވެރިކަމާއި އިޚްލާސްތެރިކަން ހުރެގެން ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.
"އަނެއްކަމަކީ މަގާމަށް ތެދުވެރިވެ އިޚްލާސްތެރިވުން. ޕްރިންސިޕަލް ބުނީތީ، ތިމަންނާއަށް ބެޖެއް ލިބުނީތީ ނުވަތަ މަންމަ ތަޅައިގަތީމައި އެނދުގައި ނޯވެވިގެން ސްކޫލަށް އަންނަ އައުން، މި އުސޫލު ދޫކޮށްލަންވީ. ތެދުވެރިކަމާއި އިޚްލާސްތެރިކަން ނެތިއްޔާ މަގާމުގެ ބޭނުމެއް ނެތް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
ޑރ. އަޝްރަފް ވަނީ ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް އެ ރަނގަޅު ސިފަތައް އަށަގެންނެވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
"ތިޔަވަރުގެ ހުވައެއްކޮށް މަސްއޫލިއްޔަތުތަކަކާ ހަވާލުވާއިރު ތިޔަކުދިންގެ ކަންކަމުގެ ތެރޭގައި މިކަހަލަ ރީތި ސިފަތައް އާދަކުރެވޭތޯ ބަލަމާ އުޅޭ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ އިތުރުން ދެން ޑރ. އަޝްރަފް ވިދާޅުވީ ކަމޭހިތުމުގެ ސިފައާއި ދެރަ ނިކަމެތީންނަށް އަޅާލުމުގެ ސިފަ ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ވެސް ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ކުދިން ކިޔަވާ ސްކޫލެއްގައި ކޮންމެ ކުއްޖަކީ ފުރިހަމަ ކުއްޖަކަށް ނުވެދާނެ ކަމަށާއި އެކި ކުދިންގެ ކިބައިގައި ހުންނަ ހުނަރު ވެސް ތަފާތުވާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ މިއިން ކޮންމެ ހުނަރަކަށް ހިތުގައި ޖަޒުބާތާއި ލޯބި އޮންނަން އެބަޖެހޭ. ކަމޭހިތަން އެބަޖެހޭ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
"އަނެއް ކަމަކީ ކޮންމެ ކުއްޖަކަށް ޓަކައި އެ ކުއްޖެއްގެ ފަހަތުގައި އެތައް ގުރުބާނީތަކެއް ވަމުންދާ މައިންނާއި ބަފައިން. ދަރި ސްކޫލަށް ފޮނުވުމަށްޓަކައި އެ ކުއްޖާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ވާ ގުރުބާނީ. އަދި ޓީޗަރުން ކޮންމެ ދުވަހަކު ތިޔަ ދަރިވަރުންނަށް ކިޔަވައިދުނުމަށްޓަކައި ވަމުންދާ ގުރުބާނީ. އެހެންވީމަ މި ޖަޒުބާތާއި މި އިހުސާސް އަންނަން އެބަޖެހޭ."
ބަދަލުވަމުންދާ ދުނިޔެއާއެކު އިންސާނުންގެ ވިސްނުމާއި ފިކުރު ވެސް ބަދަލުވަމުންދާކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ އަމިއްލަ މުސްތަގުބަލު ބިނާކުރާނެ ގޮތާ މެދު ވިސްނަންޖެހޭ ކަމަށެވެ.