ގޮންޖެހުންތަކާ ކުރިމަތިލައި ކުރިމަގާމެދު ވިސްނާ ބަޔަކަށް ޒުވާނުން ވާންޖެހޭ: ނާއިބު ރައީސް

"ސްކިލްސް ފޯރ އަ ރިސިލިއަންޓް ވަރކް ފޯސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިސަލް ނަސީމް--

ޒުވާނުންނަކީ، އެކަކު އަނެކަކަށް އިހްތިރާމު ކުރާ، ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލައި، ލިބިފައިވާ އިލްމާއި ހުނަރު އަނެކާއާއި ހިއްސާކޮށް، އަދި ކުރިމަގާއި މެދު ވިސްނާ ބަޔަކަށްވުމަށް އަޒުމު ކަނޑައެޅުމަށް ނާއިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ.

"ސްކިލްސް ފޯ އަ ރިސިލިއަންޓް ވޯކް ފޯސް" ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ކުރިއަށްދިއުމުގައި ފުރުސަތުތައް ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދާއި ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުމެއް އައިސްފައިވާ މި ހާލަތުގައި، ދުޅަހެޔޮ އިގްތިސާދަކާއި އަރައި ހަމަކުރުމަށް މިހާރުން ފެށިގެން ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކޮށް ތަމްރީނުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވަޒީފާގެ މައިދާނަށް ޒުވާނުން ނުކުތުމަކީ، އިޖްތިމާއީ ވަރަށް ގިނަ މައްސަލަތަކެއް ހައްލުކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށެވެ. އަދި ޒިންމާދާރުކަމާއެކު މަސައްކަތުގައި ވަގުތު ހޭދަކުރާ ޒުވާނުންނަށް ފޫހިކަމާއި އެކަނިވެރިކަމުގެ އިހުސާސްތަކާއި، ކުށްކުރުމުގެ އާދަތަކާއި ދުރުވެލިވާން ފަސޭހަވާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މިއަދު ފެށި ޕްރޮގްރާމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ފައިސަލް ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ، އެ މީހުން ޝައުގެއް ކަމަށެވެ. އަދި، ބިދޭސީ މަސައްކަތްތެރީންގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތައް ހައްލު ކުރެވޭނީ، ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންގެ ޖީލެއް ބިނާކޮށްގެން ކަމާއި، މިއީ އިގުތިސާދު އިތުރަށް ފުޅާކުރުމަށް އޮތް ހައްލު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް