ސޮނޭވާފުށީގެ މުވައްޒަފުގެ ދެވަނަ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވް

ސޮނޭވާފުށި ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ފުރަތަމަ ޓެސްޓްގެ ނަތީޖާއިން ދެއްކި މުވައްޒަފުގެ ދެވަނަ ޓެސްޓްގެ ނަތީޖާ ނެގެޓިވްވެއްޖެ އެވެ.

އެ ރިސޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ދެވަނަ ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުން އެއީ، ފޯލްސް ޕޮޒިޓިވްއެއް ކަމަށް މިހާރު ނިންމިފައިވާ ކަމަށެވެ.

ސޮނެވާފުށިން އަންނަނީ އެ ރިސޯޓުގެ މުވައްޒަފުން ކޮވިޑަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ސްޓާފެއްގެ ފުރަތަމަ ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް އެހެން މުވައްޒަފުންގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

ރިސޯޓުން ބުނިގޮތުގައި އެ މުވައްޒަފަކީ ފަތުރުވެރިންނާ އެކު މަސައްކަތްކުރާ އަދި ކޮންޓެކްޓްވާނޭ މުވައްޒަފެއް ނޫނެވެ. އަދި އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށާއި ފުރަތަމަ ނަތީޖާ ޕޮޒިޓިވްވުމާ އެކު އޭނާ އެކަހެރިކުރި ކަމަށް ވެސް ރިސޯޓުން ވަނީ ބުނެފައެވެ.

މުވައްޒަފުގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެން ރިސޯޓުން ވަނީ އެޗްޕީއޭއާ އެ މައުލޫމާތު ހިއްސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅައިފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނުނީވެސް ރިސޯޓަކުންނެވެ. އެއީ މާޗް 7 ވަނަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ.

ތިން މަސް ފަހުން މިއަދު ވަނީ ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައިިފައެވެ. އަދި މިއަދު ފަތުރުވެރިންނާއެކު ފުރަތަމަ ފްލައިޓް ވަނީ ރާއްޖެ އައިސްފައެވެ.

comment ކޮމެންޓް