ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ބާކީ ހުރީ 30 އަކަށް ޖާގަ: އެޗްއީއޯސީ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީ-- ފޮޓޯ: އެސްޓީއޯ

ކޮރޯނާ ވައިރަސްއަށް ފަރުވާ ދޭން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލީގައި ހުރި ބެޑް ކެޕޭސިޓީގެ ބޮޑު ބައި ފުރި މިހާރު ހުރީ 30 އަކަށް ޖަގާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހާމަކޮށްފި އެވެ.

ކޮވިޑާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން އެ ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އެޑްމިޓްކުރަން ޖެހޭ މީހުން ގިނަވެ، ހުޅުމާލޭ ފެސިލިޓީގައި ހުރި ޖާގަ މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 30 އަކަށް ބެޑްކަމަށްވަނީ އަޅުގަނޑު އެންމެ ފަހުން ބަލާލިއިރު އެވޭލަބަލްއީ [ހުސްކޮށްހުރީ]. ދެން މީގެ އިތުރުން ފުރެންވާއިރަށް އިތުރު ވަސީލަތްތަކެއް ގާއިމްކުރެވޭނެ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެޑްމިޓްވާ ރޭޓަށް ބަލާއިރު ފެސިލިޓީގައި ކޮންމެހެން އެޑްމިޓްކުރަން ނުޖެހޭ މީހުން ވެސް މިހާރު ބައިތިއްބަން ޖެހޭ ކަމަށެވެ. އެގޮތުން ތިބޭނެ ވަކި ތަނެއް ނެތިގެން އެތަނުގައި ބައެއް ފަރާތްތައް އައިސޮލޭޓްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބާކީ ހުރި ކެޕޭސިޓީއަށް ބަލާއިރު އަދި ދުވަސްކޮޅަކަށް މެނޭޖް ކުރެވޭނެ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މާލެ ފުރަބަންދުކުރުމަށް ފަހު ދިން ލުއިތަކާއެކު ބަލި ޖެހޭ މީހުން އަނެއްކާވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. އެގޮތުން އިއްޔެގެ އިރުއޮއްސި 6:00 އާ ހަމައަށް 39 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ޕްރެސްކޮންފަރެންސްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އަތޮޅު ތެރޭގައި ކޮވިޑަށް ފަރުވާ ދެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސާ ހަތް ތަން، ހަފްތާއެއްގެ ތެރޭގައި ހިދުމަތަށް ގެނެވޭނެ ކަމަށެވެ. އެ ތަންތަނުގައި އައިސީޔޫގެ އިތުރުން ވޯޑާއި އަދި އައިސޮލޭޝަން ފެސިލިޓީވެސް ގާއިމްކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް