އަދީބުގެ މައްސަލަ ބޭރުކޮށްލި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނަން: ޕީޖީ

އަދީބުގެ މައްސަލަ ބޭރުކޮށް ގާޒީ އިސްމާއިލް ރަޝީދު: އޭނާގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ޕީޖީ ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްސަލަ ބެއްލެވި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޫޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމުމާއެކު އޭނާ ވަނީ މިނިވަންވެފަ އެވެ. ޕީޖީއިން ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމަވާފަ އެވެ.

މިއަދު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދު ނިންމެވި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ކޯޓުން އަދީބުގެ މައްސަލަ ބޭރުކޮށްލީ، ހަމަ ޖެހޭ ކަންތައްތަކަށް ބިނާކޮށްފައި ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ފަނޑިޔާރަކު މައްސަލައެއް ބެއްލުވުމުގައި "ހެއްވާ ގޮތަކަށް" އަމަލުކޮށްފައިވާކަން ޕީޖީއަށް ގަބޫލު ކުރެވޭނަމަ، ކަންކުރަމުން އަންނަ ގޮތަކީ އެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުން ކަމަށެވެ. އެގޮތުގެ މަތިން އަދީބުގެ މައްސަލަ ކޯޓުން ބޭރު ކޮށްލި މައްސަލައިގައި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަވެސް ޖޭއެސްސީއަށް ހުށަހާޅާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ތަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމަށްވާނަމަ، ޖެހޭނީ ފަޔާއަށް ގުޅަން. ފަޔަރުން އައިސް ބަލާފައި، ކަނޑައަޅާނީ އެތަނުގައި އަލިފާން ނެތް ކަމަށް. އަޅުގަނޑުމެންގެ ކަމެއް ނޫން އަލިފާން ނެތް ކަމަށް ކަނޑައެޅުމަކީ. އެހެންވީމަ އަޅުގަނޑުމެން އެ މައްސަލައެއް ހުށަހަޅާނަން އެއީ ކޮންމެ ފަނޑިޔާރަކަސް. އެތަނުގެ [ޖޭއެސްސީގެ] މަސްއޫލިއްޔަތެއް އެކަން ބެއްލުވުމަކީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އަދީބުގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުުގައި ގާޒީ އިސްމާއިލް ރަޝީދު އަމަލުކޮށްފައިވަނީ ގާނޫނުން ބޭރުން ކަމަށެވެ.

"އަޅުގަނޑުމެން މި ފަނޑިޔާރުގެ މި ދެންނެވި ކަންތައްތަކުގެ ވާހަކަ ޖޭއެސްސީއަށް ހުށަހަޅާނަން،" ޝަމީމް ވިދާޅުވި އެވެ.

ގާޒި އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ގާޒީގެ އެ ނިންމުމަކީ އޭނާގެ އަމިއްލަ ހިޔާލެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި އަދީބުވެސް އަދި ދައުލަތުވެސް އެދިގެން ނިންމާފާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އަދި އޭނާގެ ނިންމުމުން ނިންމާފައިވަނީ ގާނޫނީ ގޮތުން ހަމަ ޖެހޭ އުސޫލުތަކުގެ މައްޗަށް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމާފައިވަނީ، ޝަރީއަތަށް ހުށަނާޅާ ލިޔެކިތުންތަކުގެ މައްޗައް ބިނާކޮށެވެ. އެގޮތުން އަދީބު ހައްޔަރު ކުރި ދުވަހުގެ މައުުލޫމާތާއި، ހައްޔަރުކުރި ކުށުގެ މައުލޫމާތާއި ތުހުމަތު ކުރެވުނު ސަބަބު ފަދަ މައުލޫމާތުތަކީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓާ ހިއްސާކުރި މައުލޫމާތެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި ހުކުމްގައި ވަރަށް ތަފްސީލްކުރި ހައްޔަރުުކުރި ދުވަހާ ހައްޔަރުކުރި ސަބަބާ ތުހުމަތު ކުރެވުނު ކަންތަކާ ހުރި. އަޅުގަނޑަކަށް ނޭނގޭ ފަނޑިޔާރު އެ އެއްޗެހި ހޯއްދެވީ ކޮންތާކުން ކަމެއް ވެސް،" ޝަމީމް ވިދަާޅުވި އެވެ

ޕީޖީ ވިދާޅުވީ މައްސަލަ ބާތިލްކުރެއްވި އިރު، އެއްވެސް މާއްދާއަކާ ހަވާލާދެއްވާފައި ނުވާތީ މައްސަލަ ބާތިލްކުރި ހަމައެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލީ، އެ ދައުވާތައް އުފުލާފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ބުނެ އެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމުމުން އަދީބަށް ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދޭނެ ކަމަށެވެ.

ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް، އަދީބުގެ މައްޗަށް އުފުލީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުން އަދީބު ވަނީ މިނިވަންވެފަ އެވެ.

comment ކޮމެންޓް