ކޮވިޑާ އެކު ރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ އެހީ ލިބިއްޖެ: ފިނޭންސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގެ ހާލަތުގައި ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް ރާއްޖެއަށް 2،9 ބިލިއަން ރުފިޔާ (189.5 މިލިއަން ޑޮލަރު)ގެ އެހީ ދީފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިހާތަނަށް ހަ އިދާރާ އަކުން ވަނީ ރާއްޖެއަށް މާލީ އެހީތެރިކަން ދީފަ އެވެ. މީގެ ތެރޭ ލޯނާއި ހިލޭ އެހީ ހިމެނެ އެވެ.

ރާއްޖެއަށް މާލީ އެހީ ދިން އިދާރާތައް:

ވޯލްޑް ބޭންކް

  • 10 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓު. މީގެ ތެރޭ ހިމެނެނީ 50 ޕަސެންޓް ހިލޭ އެހީ އަދި 50 ޕަސެންޓްގެ ލޯނު.
  • ވަޒީފާ އަށް އަސަރު ކުރި މީހުންނަށް އިނާޔަތް ދިނުމަށް އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް 12.8 މިލިއަން ޑޮލަރު. މިއީވެސް 50 ޕަސެންޓް ލޯނު އަދި 50 ޕަސެންޓް ހިލޭ އެހީ.
  • ކޮވިޑް19 އިިމަޖެންސީ ހެލްތް ރެސްޕޮންސް މަސައްކަތަށް 7.3 މިލިއަން ޑޮލަރު. މިއީ ވެސް 50 ޕަސެންޓް ހިލޭ އެހީ އަދި 50 ޕަސެންޓް ލޯނު.
  • ޓެސްޓް ކިޓާއި ލެބޯޓްރީ އިކުއިޕްމެންޓް ގަތުމަށް ވޯލްޑް ބޭންކުގެ ޕެންޑެމިކް ފައިނެންޝަލް ފެސިލިޓީގެ ދަށުން 0.95 މިލިއަން ޑޮލަރު. މިއީ 100 ޕަސެންޓް ހިލޭ އެހީ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)

  • ޓެކްނިކަލް އެސިސްޓެންސް އަދި ގްރާންޓުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު. މި އެހީގެ ދަށުން އޭޑީބީގެ އޭޝިއާ ޕެސިފިކް ޑިޒާސްޓާ ރެސްޕޮންސް ފަންޑުން 500،000 ޑޮލަރު އަދި ޓެކްނިކަލް އެސިސްޓެންސް އަށް 798،000 ޑޮލަރު ދީފައިވޭ.
  • ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތައް ހައްލު ކުރުމަށް އޭޑީބީގެެ ކޮވިޑް19 އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗާ ސަޕޯޓު ޕްރޮގްރާމުގެ ދަށުން 50 މިލިއަން ޑޮލަރު. މިއީ 50 ޕަސެންޓް ލޯނު އަދި 50 ޕަސެންޓް ހިލޭ އެހީ

އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް

  • އައިޓީއެފްސީ އިން އެސްޓީއޯ އަށް ދިން 15.05 މިލިއަން ޑޮލަރު. މީގެ ތެރޭ ހިމެނެނީ 15 މިލިއަން ޑޮލަރުގެ ލޯނާއި 0.05 މިލިއަން ޑޮލަރުގެ ހިލޭ އެހީ. މިއީ ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި އަދި މެޑިކަލް އިކުއިޕްމެންޓް ގަތުމަށް ދިން އެހީ އެއް
  • އައިއެސްޑީބީ އިން 0.59 މިލިއަން ޑޮލަރުގެ ލޯނެއް. މިއީ ރީޖަނަލް ހޮސްޕިޓަލުތަކުގެ އައިސީޔޫތަކުގެ މަސައްކަތް ނިންމާ އިކުއިޕްމެންޓު ހޯދުމަށް ދިން އެހީ އެއް
  • އައިއެސްޑީބީ އިން 20 މިލިއަން ޑޮލަރުގެ ލޯނެއް. ކްރިޓިކަލް ކެއާ ހިދުމަތް ފުޅާކޮށް ތަރައްގީ ކުރުމަށާއި ފްރަންޓްލައިން ހެލްތް ކެއާ ވޯކަރުންގެ ސަލާމަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަދި ހެލްތު މިނިސްޓްރީގެ ޑައިގްނޯޯސްޓިކް ކެޕސިޓީ ހަރުދަނާ ކުރުމަށް

އިންޓަނެޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)

  • ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓް އަށް އެހީވުމަށް އައިއެމްއެފް އިން ވަނީ ރެޕިޑް ކްރެޑިޓް ފެސިލިޓީގެ ގޮތުގައި 28.9 މިލިއަން ރުފިޔާގެ އިންޓްރެސްޓް ފްރީ ލޯނެއް ދީފައި

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް

  • ޕީއެސްއައިޕީ ޕްރިގްރާމުތައް ކުރިއަށް ގެންދިޔުމަށް ބަޖެޓަށް ބޭނުންވާ ފައިސާގެ ތެރެއިން ލޯނުގެ ގޮތުގައި 20 މިލިއަން ޑޮލަރު

ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް

  • ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޮވިޑްގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް 22.6 މިލިއަން ރުފިޔާގެ ލޯނު

މި އިދާރާތަކުގެ އިތުރުންވެސް އެހެނިހެން މާލީ އިދާރާތަކުން ރާއްޖެއަށް އެހީ ހޯދުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ބައިލެޓްރަލް ޕާޓްނަރުންނާއި އދ ގެ އެޖެންސީ ތަކުންވެސް ވަނީ ރާއްޖެއަށް މާލީ އެހީ އަދި ތަކެތީގެ އެހީގެ އިތުރުން ޓެކްނިކަލް އެސިސްޓެންސް ވެސް ފޯރުކޮށްދީފަ އެވެ.

އިންޑިއާ: ޗައިނާގެ ވޫހާންގައި ތިބި ދިވެހި ކިޔަވާކުދިން އެ ސިޓީ އިން ނެރުމަށް އެހީތެރިކަން ފޯރުކޮށްދިން. އިންޑިއާ އިން ވަނީ މެޑިކަލް ޓީމެއް ވެސް ރާއްޖެ ފޮނުވާފައި. މީގެ އިތުރުން ރާއްޖެއަށް އެހީގެ ގޮތުގައި ޕީޕީއީ އާއި ބޭހުގެ އިތުރުން ކާބޯތަކެތި ފޯރުކޮށްދިން.

ޖަޕާން: ޕީޕީއީ އާއި ބޭސް ފޯރުކޮށްދިން. އެހީގެ ގޮތުގައި ޔުނިސެފް މެދުވެރިކޮށް 356,400 ޑޮލަރު އަދި ރެޑްކްރެސެންޓު މެދުވެރިކޮށް 185,000 ޑޮލަރު ދިން. މިއީ ތައުލީމީ ދާއިރާ އަށާއި މެޑިކަލް އިކުއިޕްމެންޓް ހޯދުމަށް އަދި ޓެކްނިކަލް އެސިސްޓެންސްގެ ގޮތުގައި ދިން އެހީ.

މީގެ އިތުރުން ޖަޕާނުން ވަނީ ޔޫއެންޑީޕީ މެދުވެރިކޮށް ކޮވިޑްގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ އެސްއެމްއީތަކަށް އެހީ ފޯރުކޮށްދިނުމަށް 1.4 މިލިއަން ޑޮލަރު ދީފައި، އަދި ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާ އަށް 2.6 މިލިއަން ޑޮލަރުގެ އެހީވެސް ދީފައިވޭ.

އެމެރިކާ: އެހީގެ ގޮތުގައި ޕީޕީއީ އާއި ބޭސް ދިން. އަދި އިކޮނޮމިކް ރިކަވަރީ ސަޕޯޓަސްވެސް ގްރާންޓުގެ ގޮތުގައި އެހީ ދިން.

ޗައިނާ: ވެންޓިލޭޓަރާއި ބަލިމީހުންނަށް ހާއްސަ އެނދު، ޕީޕީއީ ޓެސްޓް ކިޓު ދިން.

ޔުނިސެފް: ތައުލީމީ ދާއިރާ އަށް އެހީތެރިކަން ދިން.

އީޔޫ: ފަތުރުވެރިކަމުގެ ސިނާއަތާއި ސިއްހީ ދާއިރާ އަށް ގްރާންޓު.

ބަންގްލަދޭޝް: މެޑިކަލް ޓީމެއް ރާއްޖެ ފޮނުވި. ޕީޕީއީ އާއި ބޭސް އެހީގެ ގޮތުގައި ދިން.

ކެނެޑާ: ކޮވިޑުގެ ސަބަބުން ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް އެހީވުމަށް ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ސަޕޯޓް.

ޔޫއޭއީ: ޕީޕީއީ އާއި ކޮވިޑަށް ފަރުވާ ކުރުމަށް ބޭނުންވާ އިކުއިޕްމެންޓް.

ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރާ ހަރަދުތަކަށް މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

comment ކޮމެންޓް