ސީއެސްސީއިން އިސްތިއުފާ ނުދީ ހުރި ހަމައެކަނި މެންބަރު ވަކިކޮށްފި

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް އިބްރާހިމް ޝަހީދު އައްޔަނު ކުރުމަށް ބޭއްވި ހަފްލާ: މިއަދު އޭނާ ވަނީ މަގާމުން ވަކިކޮށްފައި ---

ސިވިލް ސާވިސް ކޮމިޝަނު (ސީއެސްސީ) ގެ މެންބަރު ކަމުން ބ. ގޮއިދޫ، ސޯސަންގޭ، އިބްރާހިމް ޝަހީގު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އޭނާ ވަކި ކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 51 މެންބަރަކު ބައިވެރިވެފައިވާއިރު ފެންނަ ކަމަށް 48 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އެއް މެންބަރަކު ވަކި ގޮތައް ވޯޓު ނުދެއްވަ އެވެ.

ސިވިލް ސާވިސް ކޮމިޝަނަށް އިބްރާހިމް ޝަހީގު އައްޔަނުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.

އޭނާ އެ މަގާމަށް އައްޔަނު ކޮށްފައިވަނީ އޭރު އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖަމީލާ އަލީ ހާލިދު، ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އައްޔަންކުރެއްވުމުންނެވެ.

އިބްރާހިމް ޝަހީގުގެ އިތުރުން ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަލީ ޝަމީމް ވެސް ވަނީ މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. ނަމަވެސް އޭނާ ވަނީ މިއަދު އިސްތިއުފާ ދެއްވި ކަމަށް ބުނެ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ.

ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު ވަކިކުރަން ކޮމެޓީން ނިންމީ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް