ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވެ، ލަންކާއިން އަނެއްކާ ވެސް ސްކޫލުތައް ބަންދުކޮށްފި

ލަންކާގެ ސްކޫލުތައް މީގެ ދެ ހަފްތާ ކުރިން ހުޅުވުމަށް ފަހު އަނެއްކާ ވެސް ވަނީ ބަންދުކޮށްފައި -- ފޮޓޯ: ޒިންހުއާ

ކޮލަމްބޯ (ޖުލައި 13): ސްރީލަންކާގައި ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވުމާ ގުޅިގެން އެގައުމުން އަނެއްކާ ވެސް ސްކޫލުތައް ބަންދުކޮށްފި އެވެ.

ލަންކާގައި ފާއިތުވި ހަތަރު ވަރަކަށް ދުވަސް ތެރޭ ގާތްގަނޑަކަށް 400 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން، އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ މި ހަފްތާގައި ހުރިހާ ސްކޫލެއް ބަންދުކޮށްފައި ބަހައްޓަން ނިންމައިފަ އެވެ.

"ހެލްތު އެންޑް ސޭފްޓީގެ ގައިޑްލައިންތަކުގައިވާ ގޮތުގެ މަތިން، ސްކޫލް ސެކްޓާ މޮނިޓާ ކުރުމަށް ޓަކައި އެއް ހަފްތާ ވަންދެން ސްކޫލުތައް ބަންދުކޮށްފައި ބަހައްޓަން ވަނީ ނިންމާފައި،" އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

ސްރީލަންކާގައި މިދިޔަ މާޗް މަހު ސްކޫލުތައް ބަންދު ކުރުމަށް ފަހު މީގެ ދެ ހަފްތާ ކުރިން އަނެއްކާ ވެސް ސްކޫލުތައް ހުޅުވާލީ އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވުމުންނެވެ.

ނަމަވެސް ލަންކާގައި ކުއްލި ގޮތަކަށް ކޭސްތައް އިތުރުވެ، އިއްޔެ އެކަނި ވެސް 106 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އެގައުމުގައި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،617އަށް އަރާފަ އެވެ.

ފާއިތުވި ދުވަސްތަކުގައި ލަންކާއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެގައުމުގެ ކަންޑަކަޑު ރިހެބިލިޓޭޝަން ސެންޓަރުންނެވެ. އެ ސެންޓަރު މިހާރު ވަނި ފީލްޑް ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް