މުސާރަ ނުދޭ ވިޔަފާރިތަކުގެ ވަތްގަނޑަށް އަތް ކޮއްޕައި، އެކައުންޓް ފްރީޒްނުކުރެވޭނެ: ފައްޔާޒު

އޭޕްރީލް 11، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިޔަފާރިތަކުގެ ވަތްގަނޑުތަކަށް އަތް ކޮއްޕައިގެން ނުވަތަ އެކައުންޓްތައް ފްރީޒްކޮށްގެން މުސާރަ ނުލިބި ތިބި މުވައްޒަފުންނަށް މުސާރަ ނުދެވޭނެ ކަމަށާއި އެއީ އެކަން ކުރަން އޮންނަ ގޮތް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދިގު މުއްދަތެއް ވަންދެން މުސާރަ ނުދިން މައްސަލައިގައި ރާއްޖޭގެ އެކި ދިމަދިމާލުގައި ބިދޭސީން ދަނީ މުޒާހަރާ ކުރަމުންނެވެ.

https://sun.mv/139914

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހިންގަމުންދާ ތަފާތު ހަމަނުޖެހުންތަކާ ގުޅޭގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މުސާރަ ނުދިނުމަކީ އަބަދު ވެސް ރާއްޖޭގައި އޮންނަ މައްސަލައެއް ކަމަށެވެ.

"މުސާރަ ދިނުމުގެ ކަންތައްތަކަކީ ރާއްޖޭގައި އަބަދުވެސް މައްސަލަ ޖެހޭ ކަމެއް، ބިދޭސީންނަށް އެކަންޏެއް ނޫން ދިވެހިންނަށް ވެސް. އެހެން އޮއްވައި މިކަން [ކޮވިޑް19އާއެކު އައި ހީނަރުކަން] ދިމާވީމަ އިތުރަށް ހޫނުވުގެން މިދަނީ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މައްސަލަ ހައްލުކުރެވޭނީ ފައިސާ ލިބިގެން ކަމަށާއި މިއީ މި މައްސަލަ ހައްލުކުރަން ދަތި ވަގުތެއް ކަމަށެވެ.

މިހާރު ހިންގަމުންދާ މައްސަލަތަކުގެ ތެރެއިން ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އެދި ރިޒް ކުންފުނި ނަމަކަށް ކިޔާ ކުންފުންޏަކުން ޖޫން 27ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"ކުރީ ދުވަހު ވެސް ދެންނެވިހެން، އަދި ބައިވަރު ރައްޔިތުން ހިތްހަމަ ނުޖެހުނު ކަމުގައި ވީ ނަމަވެސް، ކުރެވޭނެ މާ ބޮޑު ކަމެއް ނޯވެ. އަޅުގަނޑުމެންނަކަށް ސަރުކާރުގެ ހައިސިއްޔަތުން ގޮސް، ވިޔަފާރިތަކުގެ ވަތްގަނޑަށް އަތް ކޮއްޕައިގެން ނޫނީ އެކައުންޓް ފްރީޒުކޮށްގެން މުސާރަ ދީ ނޫނީ ވިޔަފާރިއަކުން ފައިސާ ދައްކައިގެން އެހެން ވިޔަފާރިއަކަށް ފައިސާ ދީގެން އެއީ ކޮށްއުޅޭ ކަންކަމެއް ނޫން. އެކަމަށް މި ހުންނަނީ ވަކި ނިޒާމުތަކެއް ގާއިމުކޮށްފައި، ޓްރައިބިއުނަލްއާއި ކޯޓުތަކާ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ލޭބާއާ ގުޅޭ މައްސަލަތައް މިނިސްޓްރީގެ ތެރެއިން ބަލަމުންދަނީ އެލްއާރުއޭ (ލޭބާ ރިލޭޝަންސް އޮތޯރިޓީ)އިންނެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެލްއާރުއޭއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށާއި އަމިއްލައަށް އިސްނަގައިގެން މައްސަލަތައް ބަލަން ގާނޫނުން މަތިކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މީހުން ވަޒީފާ އަދާކުރާ ތަންތަން ބެލޭނެ ވަރުގެ ވަސީލަތްތަކެއް އެލްއާރުއޭގައި ނެތް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ވަރަށް ރަނގަޅު ގާނޫނުތައް ހެދިފައި ހުންނަނީ. ކޮންމެ ގާނޫނަކާ އެއްކޮށް ވަކި ބޮޑީއެއް ވެސް އެބައޮވޭ. އެހެން ނަމަވެސް އެ ބޮޑީތައް ބަރާބަރަށް ހިންގައި ތަންފީޒުކުރަން، އެ ގާނޫނުތައް ތަންފީޒުކުރަން ބަޖެޓުގައި ފައިސާއެއް ނުހުރޭ." މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ވަޒީފާގެ ބަޔާނުގައި ސޮއިނުކޮށް އޮތުން ފަދަ އިދާރީ ކަންކަމުގައި އެލްއާރުއޭއަށް ފިޔަވަޅު އެޅިދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މުސާރައިގެ މައްސަލައިގައި މިހާރު ބިދޭސީން ކުރަމުންދާ މުޒާހަރައިގައި ކޮންމެވެސް ވަރެއްގެ ސިޔާސީ ކުލަވަރުތަކެއް ވެސް އެކުލެވޭކަމުގެ ހަބަރުތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީން ކަށަވަރުވާ ވަރަށް އެނގޭ މިކަމުގައި، މި މުޒާހަރާތައް ބޭރު މީހުން ލައްވައި ހިންގުމުގައި އެހެން ކަހަލަ ކަންތައްތަކެއް އޭގައި ހިމެނިގެންދާކަން. އަޅުގަނޑަކަށް އޭގެ ސާފު މައުލޫމާތު ދަންނަވާކަށް ނޭނގޭ، އެހެން ނަމަވެސް މީގައި ސިޔާސީ އެލެމެންޓެއް، އަޅުގަނޑު މި ދަންނަވަނީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ވާދަވެރި ފަރާތުން ކުރާ ކަމެކޭ އެހެނެއް ނޫން، ނަމަވެސް މީގައި ސިޔާސީ އެލެމެންޓެއް އުޅޭކަމަށް ހަބަރުތައް ލިބޭ." މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީން މުޒާހަރާ ކުރަމުންދާ މި ދަނޑިވަޅުގައި އެ މައްސަލަ ހައްލުކުރަން ބަންގްލަދޭޝް ހައިކޮމިޝަނާ ގުޅިގެން އެކަމަށް ހާއްސަ ޔުނިޓެއް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"އެލްއާރުއޭގައި ވެސް އޮވޭ މި ޔުނިޓު، އެކަމަކު އެއަށްވުރެ ބޮޑުކޮށް މިހާރު މި އުފެއްދީ މީޑިއޭޝަން ޔުނިޓެއް، މި ދަނޑިވަޅުގައި މިއަށް ހައްލުތަކެއް ގެންނަން. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ވަޒީފާ ދޭ ފަރާތް ގެނެސްގެން ވާހަކަ ދައްކައިގެން، ޖެނުއިންލީ ފައިސާގެ ދަތިތަކެއް ހުރި ނަމަ މުވައްޒަފުންނާ ވެސް ވާހަކަ ދައްކައިގެން ކޮންމެވެސް އެރޭންޖްމަންޓެއް ގެނެސްގެން މި ހޫނު މަޑުކުރަން މި ހާލަތުގައި މަސައްކަތް ކުރުން." މިނިސްޓަރު ވިދާޅުވި އެވެ.

މުސާރަ ނުދީގެން ބިދޭސީންތަކެއް މިއަދު ވެސް ހުޅުމާލޭގައި ވަނީ މުޒާހަރާކޮށް، ހަމަނުޖެހުން ހިންގާފަ އެވެ. ސިފައިންނާއި ފުލުހުންގެ ފުލެޓު ހަދާ އައިލެންޑް އެކްސްޕާޓު ކުންފުންޏަށް ނިސްބަތްވާ އެމީހުން ކުރި މުޒާހަރާގައި ފުލުހުންނާއި ބައެއް އާންމުންގެ އިތުރުން ފުލުހުންގެ ވެހިކަލަކަށް ވެސް ވަނީ ގެއްލުންދީފަ އެވެ. އަދި އެ މުޒާހަރާއިން ހަމަނުޖެހުން ހިންގި 40 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

https://sun.mv/139917

comment ކޮމެންޓް