އައިލެންޑް އެކްސްޕާޓުގެ ބިދޭސީން މުޒާހަރާކޮށް ފުލުހުންނަށް ހަމަލާ ދީފި

މުޒާހަރާ ކުރަމުންދާ ބިދޭސީން --

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި މުޒާހަރާކޮށް ފުލުހުންނަށް ހަމަލާ ދީފި އެވެ.

އެ މީހުން މުޒާހަރާ ކުރަން ފެށުމުން އެކަން ހުއްޓުވަން ފުލުހުން ދިޔުމުން އެ މީހުން ފުލުހުންނާ ދިމާލަށް ގާބުރި ފަދަ ތަކެތި ވަނީ އުކައިފަ އެވެ. އެ މީހުން މިއަދު ހެނދުނު މުޒާހަރާ ފެށީ، މުސާރަ ދޭނެ ކަމަށް ބުނި މުއްދަތުގައި އެކަން ނުކުރުމުން ކަމަށް އެ ތަނުން ވާހަަކަ ދެއްކި ބިދޭސީއަކު ބުންޏެވެ.

ފުލުހުން ބުނީ، ބިދޭސީ މުވައްޒަފުން މުޒާހަރާ ފެށުމުން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި ފުލުހުންގެ ވެހިކަލަކަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ. މިހާރު ހަމަނުޖެހުން ކޮންޓްރޯލްކޮށް މުޒާހަރާ ކުރާ ބިދޭސީއިން މިވަގުތު ލޭބާ ކުއާޓަރަށް ވައްދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުވާ 40 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ މީހުންގެ މުސާރަ ނުލިބިގެން މުޒާހަރާކޮށްފައިވެ އެވެ.

ގާތްގަނޑަކަށް އަށް މަސްދުވަހުގެ މުސާރަ އެ މީހުންނަށް ނުލިބިވާ ކަމަށް އެ މީހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު