ޗައިނާއިން ހައްޔަރު ކުރި ޕްރޮފެސަރު ހަ ދުވަސް ފަހުން ދޫކޮށްލައިފި

ޗައިނާއިން ހައްޔަރު ކުރި ޕްރޮފެސަރެއް ކަމަށްވާ ޝޫ ޒަންގްރަން ވަނީ އިއްޔެ ދޫކޮށްލާފަ -- ފޮޓޯ: ބީބީސީ ޗައިނީސް

ބެއިޖިން (ޖުލައި 13): ޗައިނާއިން މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރި އެގައުމުގެ ޕްރޮފެސަރެއް ކަމަށްވާ ޝޫ ޒަންގްރަން ހަ ދުވަސް ފަހުން ދޫކޮށްލައިފި ކަމަށް އޭނާގެ އެކުވެރިން ބުނެފި އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓު ނޫހާ ވާހަކަ ދައްކަމުން ޝޫގެ އެކުވެރިޔަކު ބުނި ގޮތުގައި އިއްޔެ ހެނދުނު ޝޫ ވަނީ ގެޔަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ހާލު ރަނގަޅެވެ.

ޗައިނާގެ ސަރުކާރަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ޝޫ ހައްޔަރު ކުރި ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރި ފަހުން ޝޫގެ އަންހެނުންނަށް ގުޅި މީހަކު ވަނީ އޭނާގެ މައްޗަށް ފައިސާ ދީގެން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ޝޫގެ އެކުވެރިން ބުނީ އެއީ ދޮގު ތުހުމަތެއް ކަމަށެވެ.

ޗައިނާގެ ޔުނިވާސިޓީއެއްގައި 20 އަހަރުވަންދެން ގާނޫނީ ދާއިރާގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރި ޝޫ ވަނީ މިދިޔަ އަހަރު އެ މަގާމުން ދުރުކޮށްފަ އެވެ. އަދި ޗައިނާގައި ރިޔާސީ ދައުރު އުވާލުމުން އެކަމަށް އޭނާ ފާޑު ކިޔުމާ ގުޅިގެން، އެކަން ތަހުގީގު ކުރަން ފެށީ އެ ދުވަސްވަރުގަ އެވެ.

އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހު ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދިޔަ އިރު ޝޫ އަނެއްކާވެސް ރައީސް ޝީ ޖިންޕިންގްއަށާއިި ސަރުކާރަށް ފާޑު ކިޔުމުން އޭނާ ގޭ ބަންދުގައި ބެހެއްޓި އެވެ. އަދި މިދިޔަ ހޯމަ ދުވަހު އޭނާ ހައްޔަރު ކުރީ ގޭ ބަންދުގައި ހުއްޓަ އެވެ.

ޝޫ ހައްޔަރު ކުރުމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އޭނާ ދޫކޮށްލުމަށް ގޮވާލާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް