ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސް އަދި އެ ކޮމިޝަނުގެ މެމްބަރު އާއިޝަތު އަފްރީން މުހައްމަދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެ ދެ ބޭފުޅުން ކޮމިޝަނުން އިސްތިއުފާދެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.
އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވި އިރު، އެ ދެ ބޭފުޅުންނާއި ކޮމިޝަނުގެ އިތުރު ދެ މެމްބަރުން ކަމުގައިވާ ނައިވީން އަބްދުﷲ އަދި މޫސާ އަލީ ކަލޭފާނުގެ ދައުރު މި އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ ހަފްތާގައި ވަނީ ހުޅުވާލައިފައެވެ.
ޒިންމާ އަދާނުކުރާ ކަމަށް ބުނެ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީން ވަނީ އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރަންވެސް ނިންމައިފައެވެ. އެ ބޭފުޅުންނަށް އޭރު ވަނީ އެކަމާ ގުޅޭ ގޮތުން ޖަވާބުދާރީވާންވެސް ފުރުސަތު ދީފައެވެ.
އެ ބޭފުޅުންގެ މައްސަލަ ބެލި މަޖިލީހުގެ ޖެންޑާ ކޮމެޓީން ބުނީ އެ ބޭފުޅުން ދޮގު މައުލޫމާތުދީފައިވާ ކަމަށާއި އަދި އަނިޔާގެ އެކި މައްސަލަތައްވެސް އެކަށީގެންވާ ގޮތެއްގައި ބަލައިފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަން މަސައްކަތް ނުކުރާކަމަށް މަޖިލީހުގެ ޖެންޑާ ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައ ބުނެފައެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެތައް ބައެއްގެވަޒީފާއެއް ގެއްލި އިޖުތިމާއީ ނުރައްކަލަށް ހުށަހެޅުމުން އެޗްއާރުސީއެމްއިން ފާރަވެރިވުން އަވަސްކުރަން ޖެހޭ ކަމަށެވެ. އަދި މަދު ވަސީލަތްތަކާއެކު އެހެން މުވައްސަސާތަކުން އެޗްއާރުސީއެމްއަށްވުރެ މާ ގިނައިން މަސައްކަތްކޮށްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެޗްއާރުސީއެމްގެ އެހެނިހެން މައްސަލަތަަކަށް ބަލާލާއިރު ކުޑަކުދިންގެ ހިޔާގައި ތިބޭ މުވައްޒަފުންގެ ފަރާތުން އެތަނުގައި ތިވޭ ކުދިންނަށް އަނިޔާ ލިބުމުން އެކަށީގެންވާ ފިޔަވަޅުތަކެއްވެސް އަޅާފައި ނުވާ ކަމަށެވެ. އޭގެ އިތުރުން ނިމިގެން ދިޔަ ސަރުކާރުގައި ސިޔާސީ ހަރަކާތްތައް ބޭއްވުމުން ހުރަސް އެޅުމުން އެކަމާމެދުވެސް މާބޮޑު ފިޔަވަޅެއް އަޅައިފައިނުވާ ކަން ފާހަގަކޮށްފައިވެއެވެ.