ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރ. ހުޅުދުއްފާރު. -- ފޮޓޯ/ފޭސްބުކް/ހުޅުދުއްފާރު

ރ،. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހުޅުދުއްފާރު ކައުންސިލް ރައީސް އަލީ ޖާވިދު ސަން އަށް ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މެދު އުމުރެއްގެ ދިވެއްސެއްކަމަށެވެ.

"އެ މީހާ މިވަގުތު އަނެއްކާވެސް ހުރީ ކަރަންޓީނުގައި. ފުރަތަމަ 14 ދުވަސް ހަމަކޮށްފަ ނެގި ޓެސްޓުން ޕޮޒިޓިވްކަން އެނގުނީ އިއްޔެ." ޖާވިދު ވިދާޅުވި އެވެ.

ޖާވިދު ވިދާޅުވިގޮތުގައި އެމީހާ ދިރިއުޅެމުންދާ ގޭގައި އިތުރު މީހެއް ނޫޅޭކަމަށާއި އަދި އެމީހާއާއި އިތުރު އެހެން މީހަކާއި ޑައިރެކްޓް ކޮންޓެކްޓްއެއްވެސް ނުވާ ކަމަށެވެ.

"އެހެންނަމަވެސް އޭނައަށް ޒަރޫރީ ތަކެތި ޑެލިވާރ ކޮށްދޭން ދާ މީހެއް ހުންނާނެތާ. ޑައިރެކްޓް ކޮށް ދިމާ ނުވިޔަސް، އޭނަވެސް މިވަގުތު ހުރީ އެކަހެރި ކުރެވިފައި." ޖާވިދު ވިދާޅުވި އެވެ.

ރޭގެ ވަގުތެއްގައި ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އޭގެ އިތުރުން އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކުވެސް ވަނީ މިދިޔަ ހަފްތާތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ހދ. ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް