ދުވާފަރަށް އަރައިފޭބުން މަނާކޮށްފި

ރ. ދުވާފަރު: އެ ރަށުގައި ހޯމް ކަރަންޓީނުން ދޫކޮށްލި ތިން މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައި ---

ހޯމް ކަރަންޓީނުން ދޫކޮށްލި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައިވާކަމުގެ ބިރު އޮތުމުން ރ. ދުވާފަރަށް އަރައި ފޭބުން މަނާކޮށްފިއެވެ.

މާލެ އިން ދުވާފަރަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ގޮސް ހޯމް ކަރަންޓީނުގައި 14 ދުވަސް ހަމަކުރުމަށްފަހު ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭ އިން އެންގުމުން މީގެ ދެ ދުވަސްކުރިން ދޫކޮށްލި ތިން މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ އަންގާފަ އެވެ.

އެއާ އެކު އެ މީހުން ދިރިއުޅެމުންދާ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާއިރު އެޗްޕީއޭ އިން މިރޭ ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ދުވާފަރު މޮނިޓަރިންއަށް ގެނައިސް އެ ރަށަށް އެއްވެސް މީހަކު އަރައި ފޭބޭނީ އެޗްޕީއޭގެ ހުއްދަ ލިބުމުން ކަމަށް ޑިރެކްޓާރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި އެ ރަށު ކައުންސިލަށް މިރޭ ވަނީ އަންގާފަ އެވެ.

އާބާދީގައި 4266 މީހުން ދިރިއުޅެމުންދާ ދުވާފަރު އޮތީ 'ބިރުވެރި' ހާލަތެއްގައި ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު މިރޭ ވިދާޅުވިއެވެ.

ދުވާފަރުގެ އިތުރުން އއ. ތޮއްޑޫ، ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ކުރިން ދުވަހު ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް