އައިލެންޑް އެކްސްޕާޓުން ބިދޭސީންނަށް މުސާރަ ނުދޭ، ދިނީ މީހަކަށް 1،600 ރުފިޔާ

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލް ހާދީ

މުސާރައިގެ މައްސަލައިގައި މިދިޔަ ހަފްތާގެތެރޭ ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީންނަށް، ސިފައިންނާއި ފުލުހުންގެ ފްލެޓްގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓް ކުންފުނިން ދިނީ މުސާރައިގެ ބަދަލުގައި ކޮންމެ މީހަކަށް 1،600 ރުފިޔާކަމަށް އެ ސައިޓުގައި މަސައްކަތްކުރާ ބިދޭސީން ބުނެފި އެވެ.

ސަންގެ ނޫސްވެރިންނާ ވާހަކަދައްކަމުން އެކުންފުނީގައި މަސައްކަތްކުރާ ބިދޭސީއަކު ބުނީ ޖެނުއަރީ މަހުން ފެށިގެން އެމީހުންނަށް މުސާރަ ނުދޭ ކަމަށެވެ. މުސާރަ ނުދީގެން މުޒާހަރާ ކުރިފަހުން ކޮންމެ މީހަކަށް 16،00 ރުފިޔާ ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"މި ނޭނގެނީ ކީއްވެ ދިން ލާރި. ނުބުނަނީ ކީއްވެކަން،" ބިދޭސީންގެ ތެރެއިން އެކަކު ސަން އަށް ކިޔައިދިނެވެ.

"އެކަމަކު އަދިވެސް ނުދެނީ ޖެނުއަރީން ފެށިގެން މުސާރަ. ބައިވަރު ހުންނަނީ ނުދީ،"

އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީން ވަނީ މުސާރައިގެ މައްސަލައިގައި މިހާރު ދެތިން ފަހަރަކު މުޒާހަރާކޮށްފައެވެ. އެންމެ ފަހުން މުޒާހަރާ ކުރީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.

އެ މުޒާހަރާގެ ބައިވެރިން ސަން އަށް އެދުވަހު ކިޔައިދިން ގޮތުގައި އެއް ހަފްތާތެރޭގައި މުސާރައިގެ މައްސަލަ ހައްލު ނުވެއްޖެނަމަ އަނެއްކާވެސް މުޒާހަރާކުރުމަށް އެމީހުން ތިބީ ތައްޔާރަށެވެ. މިއަދު މިއީ އެމީހުން ދިން މުހުލަތު ހަމަވާ ދުވަހެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބައެއް ބިދޭސީ މަސައްކަތްތެރިން --- ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލް ހާދީ

"މިހާރު ލާރި ކުޑަ ދިނީމަ މުޒާހަރާ ނުކުރަނީ މިއަދު. އެކަމު އަވަހަށް މުސާރަ ނުދެނީމަ އަނެއްކާ މުޒާހަރާކުރަނީ،" ސަން އާ ވާހަކަދެއްކި މީހާ ބުންޏެވެ.

އެމީހާ ބުނިގޮތުގައި 600 އެއްހާ ބިދޭސީން މަސައްކަތްކުރާ ސައިޓުގައި މިހާރު 300 އެއްހާ މީހުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވެފައެވެ. ދެން މިހާރު އެމީހުން ބޭނުންވަނީ އެނބުރި ގައުމަށް ދާންކަމަށް އެމީހާ ބުންޏެވެ.

"ބައިވަރު މީހުން ވިސާ މިހާރު އެކްސްޕަޔާ ވަނީ. ދެން މިހާރު 300 ވަރު މީހުން ބޭނުންވަނީ ރަށަށް ދާން،"

"މުސާރަ ނުދެނީމަ އަނެއްކާ މުޒާހަރާކުރަނީ. އެކަމަކު ފައިޓު ނުކުރަނީ. މަގުމަތީގަ ނުކުންނަނީމަ އެންމެންނަށް ފެންނަނީދޯ؟"

ބިދޭސީންގެ ތެރެއިން ވާހަކަދެއްކި އެހެން މީހަކު ބުނިގޮތުގައި އެތަނުގައި އާދައިގެ ލޭބަރެއްގެ މުސާރައަކީ 5،400 ރުފިޔާއެވެ. އަދި ބައެއް މީހުންނަށް 6،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭއިރު އަނެއްބައި މީހުންނަށް 6،500 ރުފިޔާ ލިބެއެވެ.

ޖުމްލަ 600 މީހުންނަށް މުސާރައިގެ ގޮތުގައި މަދުވެގެން 5،400 ދޭން ޖެހޭނަމަ ހިސާބު ހެދުމުން އައިލެންޑް އެކްސްޕާޓް ކުންފުނިން މަހެއްގެ މައްޗަށް މަދުވެގެން 3،240،000 (ތިން މިލިއަން ދެ ލައްކަ ސާޅީސް ހާސް) ރުފިޔާ އެމީހުންނަށް ދޭން ޖެހޭނެއެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލް ހާދީ

ކޮންމެ މީހަކަށް 1،600 ރުފިޔާގެ ރޭޓުން 600 މީހުންނަށް ފައިސާ ދެވިފައިވާނަމަ އައިލެންޑް އެކްސްޕާޓް ކުންފުނިން މިހާތަނަށް އެމީހުންނަށް ދީފައި ވަނީ 960،000 ރުފިޔާ އެވެ. އައިލެންޑް އެކްސްޕާޓް ކުންފުނިން މަދުވެގެން މި މަހުގެ މުސާރައިގެ ގޮތުގައި 2،280،000 ރުފިޔާ ދޭންޖެހެއެވެ.

މި މައްސަލައިގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ފަރާތުން ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ކުންފުނީގެ ފަރާތުން ބިދޭސީންނާއި ހަވާލުވެގެން ހުންނަ މީހާއަށް ގުޅުމުން "މިވަގުތު ވަރަށް ބިޒީ އަދި ވާހަކަދެއްކެން ނެތް" ކަމަށް ވަނީ ބުނެފައެވެ.

ބިދޭސީން ދިރިއުޅޭ ތަނުގެ ހާލަތު ގޯސް

މި ސައިޓުގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅެން ހަމަޖެހިފައިވަނީ އެ ސައިޓުގެ ތެރޭގައެވެ.

މިދިޔަ ހަފްތާ ތެރޭގައި ސަންގެ ނޫސްވެރިން ބިދޭސީން ދިރިއުޅުމަށް ހަމަޖެހިފައިވާ އެކަމޮޑޭޝަންތަކުގެ ތެރެއިން އެއް ތަނަށް ވަނުމުން ފެނިގެންދިޔައީ ފިލައިން ހަދައި ޕާޓިޝަން ކުރެވިފައިވާ ކުދި ކުދި ތަންތަންކޮޅު ތެރޭގައި 5-10 ބިދޭސީން އެއްކޮށް ދިރިއުޅެމުން ދާ ތަނެވެ. އަދި ފާހާނާ ކުރުމަށް ޕޯޓެބަލް ދެ ފާޚާނާގެ އިތުރުން ފެންވެރުމަށް ހާމަކަން ބޮޑު ތަނެއްގައި ތިން ފެން ޝަވަރު އިންސްޓޯލް ކޮސްފައިވާތަނެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލް ހާދީ

މިއީ 60 އެއްހާ ބިދޭސީން ދިރިއުޅެމުންދާ އެއް އެކޮމޮޑޭޝަނެވެ. ބަދިގެ ހުންނަނީ ލިވިންގް އޭރިއާގެ ތެރޭގައެވެ.

މިތަންތަނުގެ އަދި އެ މީހުންގެ ހާލަތު ބެލުމަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ޒިޔާރަތްކުރިތޯ އަހާލުމުން މިއަދު ވާހަކަދެއްކި މީހާ ބުނި އަދިވެސް އެފަދަ އެއްވެސް ފަރާތަކުން ނާންނަ ކަމަށެވެ.

comment ކޮމެންޓް