ގެވެށި އަނިޔާ، ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން ހާއްސަ އިސްކަމެއް ދޭން ޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ/ރައީސް އޮފީސް

ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭ މައްސަލަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ކުރި ފުރަބަންދުގެ ސަބަބުން ދިމާވި އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށެވެ.

މީގެ އެންމެ ބޮޑު އެއް ސަބަބަކީ އާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން ދަރިންނާއި މައިންބަފައިން ބެލުމާއި ގޭތެރޭގެ މަސައްކަތްތައް ފަދަ ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވުން ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

މިއަހަރުގެ ދުނިޔޭގެ އާބާދީ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ކޯވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ސިއްހަތު ރައްކާތެރި ކުރާނީ ކިހިނެއް؟" މި އެވެ. އެ ޝިއާރަށް އަލިއަޅުއްވާލައްވައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް19ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށެވެ.

އޭގެ އެއް ސަބަބެއްގެ ގޮތުގައި ރައީސް ސޯލިހު ފާހަގަކުރެއްވީ ކޯވިޑް-19 އާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށް ވުމެވެ. އަދި ރާއްޖޭގައި ސިއްހީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީވެސް އަންހެނުންކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ގައުމެއްގެވެސް އާބާދީއާއި ގުޅިފައިވާ މައްސަލަތަކާއި މެދު އެ ގައުމެއްގެ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން މުޖުތަމައުގެ ތެރޭގައި އުފެދޭނެ އެންމެހާ މައްސަލަތަކާއި އެ މައްސަލަތަކުން ނުކުންނަ ނަތީޖާތަކާއި އެ މައްސަލަތައް ހައްލު ކުރުމަށް ކުރަންވީ ކަންކަމާއި މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން މީގެ ތެރޭގައި ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް