ގޯނާގެ މައްސަލަތަކުގައި ފުލުހުން ޒިންމާއަދާނުކުރާ ކަމަށް ބުނާތީ ކަންބޮޑުވޭ: ފުލުހުން

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުޑަކުދިންނާ އަންހެނުންނަށް ޖިންސީ ގޯނާކުރުމާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަން ޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންނާ އަންހެނުންނަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާއި އެނޫންވެސް އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ފުލުހުން އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކޭ، އަދި ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުން އަންނަ މައްސަލަތައް ކަމަށެވެ.

އަދި އެފަދަ ކުށުގެ އަމަލުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ކުށްތަކުން، ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމަަށް ގިނަގުނަ މަސައްކަތްތަކެއް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ކުޑަކުދިންނާ އަންހެނުންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ވަކި ބަޔަކު ކަނޑައަޅައި އެބާވަތްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ބޭނުންވާ ހާއްސަ ހުނަރުތައް ދަސްކޮށްދީ، އެހުނަރުތައް ޒަމާނާއި ކުށާއި ކުށްކުރުމުގެ ވައްޓާފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ތަރައްގީކުރުމާއި، އެފަދަ ތަހުގީގުތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންވާ ވަސީލަތްތައް އިތުރުކުރުމަކީ އަބަދުވެސް ސަމާލުކަންދޭ، އަދި މިހާރު އަމަލުކުރެވެމުންދާ ސްޓްރެޓީޖިކް ޕްލޭންގައިވެސް އިތުރު އިސްކަމެއް ދީފައިވާ ކަންތައްތައް ކަމުގައި ބުނެފައިވެއެވެ.

އަދި މިބާވަތްތަކުގެ ކުށްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، މުޖުތަމައުގެ އެކި ދާއިރާތަކާ ފަރުދުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގައި މައްސަލަތައް ރިޕޯޓުކުރެވޭނެ ފަސޭހަ ގޮތްތައް ތައާރަފްކޮށް، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ތަހުގީގު މަރުހަލާއިން ފެށިގެން ލިބެމުންދާނޭ އިންތިޒާމް ހަމަޖެހި، މިންކަން އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކަންކަމަކީ މިދާއިރާތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ބޭރު ގައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެވެސް އެހީތެރިކަމާއެކު ކުރެވެމުންދާ ކަންކަން ކަމަށެވެ.

ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި އިތުރަށް ކުރަންޖެހިފައި ހުރި ކަންކަން ހުރިކަމާއި ނަތީޖާ ހާސިލްވާނޭގޮތަށް އިންތިޒާމުތައް ބަދަލުކޮށް، ގުޅިގެން އެކުގައި، މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ހޯދުމާއި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އެ ސާވިސް އިން ތަރުހީބުދޭ ކަމަށެވެ.

"އެހެންނަމަވެސް ކުޑަކުދިންނާ އަންހެނުންނަށް ޖިންސީ ގޯނާކުރުމާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަން ޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީކަމަށް ބުނެ މީޑިއާގެ ބައެއް ވަސީލަތްތައް މެދުވެރިކޮށް ވާހަކަދައްކަމުން ގެންދާތީ އެކަމާމެދު މި ސާވިސް އިން ކަންބޮޑުވުން ފާޅުކުރަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ އެނންމެ ޒިންމާދާރު ގޮތަކީ ކޮންމެ ކަމެއްގައި ވެސް އެކަމެއްގެ ފުރިހަމަ މައުލޫމާތު އެކަމާ ގުޅޭ ފަރާތްތަކުން ސާފުކުރުމަށް ފަހުގައި ނޫނީ އެކަމާ ގުޅޭގޮތުންް ވާހަކަ ނުދެއްކެވުން ކަމަށް ދެކޭ ކަަމަށެވެ.

އަދި ވަކިން ހާއްސަކޮށް، ކުޑަކުދިންނާއި އަންހެނުންނަަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަކުރުން ފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަކަށް އޮތް، މިފަދަ ހައްސާސީ ކަންކަމުގައި، ކަމުގެ ހަގީގަތް ނުއޮޅޭގޮތަށް ވާހަކަދެއްކުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

"ކުޑަކުދިންނާ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާއި ދެކޮޅަށް މަސައްކަތްކުރުމުގައި މި ސާވިސްއާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި، އިސް ސަފުގައި މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންްނަށް މި ފުރުސަތުގައި ވެސް އަރުވަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

އަދި މިރޮޮނގުން، އެކި ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުމެއް ފުލުހުންގެ ފަރާތުން ދޭނެކަމުގެ ޔަގީން ވެސް ވަނީ ދީފައެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރެފައި ވާއިރު އަންހެނުންނާ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

އަދި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުުކޮށްދީ، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް، ވެރިން ޒިންމާދާރުވުމަށް ގޮވާލާއި، މާދަމާ މެންދުރު 13:30 ގައި ވެލާނާގޭ ކުރިމަތީގައި އަޑުއުފުލުމަށް ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް