ވެރިން ޒިންމާދާރުކުރަން އާދީއްތަ ދުވަހު ވެލާނާގެ ކުރިމަތީ އަޑުއުފުލަނީ

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުންގެ ރައްކާތެރިކަން ކަށަވަރުުކޮށްދީ، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް، ވެރިން ޒިންމާދާރުވުމަށް ގޮވާލާއި، އާދީއްތަ ދުވަހު ވެލާނާގޭ ކުރިމަތީގައި އަޑުއުފުލަން ތައްޔާރުވެއްޖެއެވެ.

"ޖާގައެއް ނެތް" ކަމަށް ބުނެ ކުރިއަށް ގެންދަން ނިންމާފައިވާ މުޒާހަރާ ފަށާނީ އާދީއްތަ ދުވަހު މެންދުރު 13:30 ގައެވެ.

ވެލާނާގޭ ކުރިމަތީގައި އަޑުއުފުލަން ނިންމާފައި ވާއިރު ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި، ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުރި އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ.

ނަމަވެސް އަދިވެސް އަލީ ވަހީދު ހައްޔަރުކޮށްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހަމައެއާއެކު މިދިޔަ މަހުގެ 26 ވަނަ ދުވަހު ބިދޭސީ އަންހެނަކަށް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުވާ މީހުން އަދިވެސް ދޫކޮށްލާފައި ތިބުމުން ވެސް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މުޒާހަރާ އިންތިޒާމުކުރާ ފަރާތުން ބުނެފައި ވަނީ އަންހެނުންނަށް ރައްކާތެރި އެއްވެސް ޖާގައެއް ނެތް ކަމަށާއި ގޭތެރެއިންނާއި، މަސައްކަތުގެ މާހައުލާއި ކުޅިވަރު ކުޅުމުގެ މާހައުލުންނާއިި މަގުމަތިން ވެސް އަންހެނުންނަށް އަނިޔާ ލިބޭ ކަމަށެވެ.

"ހިމޭނުނެއް ނުތިބޭނަން! އަންހެނުންނަށް ކުރާ އަނިޔާ ހުއްޓާލާ! އަނިޔާއަށް ހިތްވަރު ދިނުމާއި، އަނިޔާ ކުރާ މީހުން ހިމާޔަތްކުރުން ހުއްޓާލާ!"

މުޒާހަރާ އިންތިޒާމުކުރާ ފަރާތުން ޑިމާންޑުކުރަނީ އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިިނުމަށާއި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމް ކުރުމަށެވެ.

އަދި ދައުލަތުގެ އިސްމަގާމު ތަކުގައި ތިބި ކުށްވެރިން ވަކިކޮށް، ބާރުވެރި ކުށްވެރިން ހައްޔަރުކޮށް، އިންސާފުގެ ކުރިމަތީގައި އަނިޔާވެރިން އެއްހަމަ ކުރުމަށެވެ.

ހަމައެއާއެކު ޖިންސީ އަނިޔާ ރިޕޯޓް ކުރާ މީޑިއާ ތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި ވަޒީފާގެ މާހައުލުތައް އަންހެނުންނަށް ރައްކާތެރި ތަންތަނަށް ހަދައިދިނުމަށާ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީތައް މިނިވަން ކުރުން ވެސް ޑިމާންޑުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އަނިޔާވެރިކަމުގެ ބިރުން އަންހެނުން ރައްކާތެރި ކޮށްދިނުމަށް ނިޒާމު އިސްލާހުކުރުމަށާއި އަނިޔާ ލިބޭ ފަރާތްތަކުގެ ވާހަކަ ގަބޫލުކޮށް، ނިޒާމުގެ ތެރެއިން އިތުރު އަނިޔާ ނުދިނުމަށް ވެސް ޑިމާންޑުކުރެއެވެ.

ސަފާރީގައި ޖިންސީ ގޯނާކުރި މަައްސަލައާއެކު، މާލޭގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން މިއަދު ވެސް މާލޭގެ މަގުތަކުގައި ވަނީ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލައިފައެވެ. އެ މުޒާހަރާތަކުގައި ދެ ޖިންސުގެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.

comment ކޮމެންޓް