ބަލި ނުވަނީސް ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެ ހިދުމަތް ދޭން އުނދަގޫވެފައި!

އަހަރަކު އެއްލައްކަ ރުފިޔާ ގެ ބޭސްފަރުވާ ކުރެވޭނެ ކަމުގެ ޔަޤީންކަން އާސަންދަ ނިޒާމުން ލިބުމާއެކު ނުކުތް މައްސަލަތައް ބައިވަރެވެ. އޭގެ ތެރޭގައި އެއްވެސް ކަމަކާ ނުލައި ޑޮކްޓަރަށް ދައްކަން ދާމީހުން އިތުރުވެ ހިދުމަތް ދިނުމުގަ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފަ އެވެ. އެއީ ބޮޑު ގޮން ޖެހުމެއް ކަމަށް ސިފަކޮށްފަ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި އަތުގައި އެއްލައްކަ ރުފިޔާގެ އައިޑީކާޑެއް އޮވެ، އަހަރު ހަމަވާއިރު އެއްލައްކަ ރުފިޔާ ހުސްކުރުމުގެ ގޮތުން ކިތަންމެ ކުޑަ ކަމެއް ޖެހުނަސް ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.

"އެފައިސާއަށް ހަމަވާވަރަށް އަހަރުތެރޭގައި ބޭހެއް ނުކުރެވޭނެ. އެހެންވީމާ ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް ފުރުސަތުގެ ބޭނުން ކުރަން ޖެހޭނެ،" މީހަކު ބުންޏެވެ.

އޭޑިކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ އާސަންދަ އާއެކު އެއްވެސް ކަމަކާއި ނުލާ ޑޮކްޓަރަށް ދައްކަން އެ ހޮސްޕިޓަލަށް މީހުން ދާކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ސަބަބުން ބަލިވެފައިވާ މީހުންނަށް ހޮސްޕިޓަލުން ދޭންޖެހޭ ފަރުވާ އަވަސް ކޮށް ދިނުމުގައި އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

''މިދިޔަ ދެތިން ދުވަހު ދިޔައީ ވަރަށް ބާރު ބޮޑުވެގެން މިކަމާ [އާސަންދަ]'އާ ގުޅިގެން. އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކޮންމެހެން ހޮސްޕިޓަލުން ބޭސް ފަރުވާއެއް ހޯދަން ނުޖެހޭ ހާލަތެއްގައި ބޭސްފަރުވާ ނުހޯދުން. މިހެން މިދަންނަވާލީ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑުމެނަށް ބެލިބެލުމުން ފާހަގަ ކުރެވޭ ކޮންމެހެން ހިދުމަތެއް ހޯދަން ނުޖެހި ވެސް ވަޑައިގަންނަވާކަން. އެހެންކަމަށްވާނަމަ އަސްލު ބަލި މީހާއަށް ހިދުމަތް ލިބުމުގަ ލަސްވެގެން ހިނގައިދާނެ'' އާފްއާލް ވިދާޅުވި އެވެ.

އެއް ލައްކަ ރުފިޔާގެ އައިޑީކާޑާއެކު ބަލި ނުވަނީސް ޑޮކްޓަރަށް ދައްކަންދާ މީހުންގެ މީހުން ގިނަވެގެން ދިއުމުން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޖް އިން ވެސް ވަނީ ކަން ބޮޑުވުން ފާޅުކޮށްފަ އެވެ.

ދެ ހޮސްޕިޓަލުން ބުނަނީ ރަނގަޅު ސިއްޙީ ހިދުމަތެއް ބަލި މީހާއަށް ފޯރުކޮށްދިނުމަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިލްތުމާސް ކުރާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް